އަންނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީގެ ބަޖެޓުން ފަންނުވެރިންނަށް 25 މިލިއަން ރުފިޔާގެ ހިލޭ އެހީ ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއާއި ނެޝަނަލް އާޓް ގެލަރީ ގުޅިގެން "އަންވެއިލިން ވިޒަންސް 2024"ގެ ނަމުގައި ކުރިއަށް ގެންދާ އެގްޒިބިޝަނަށް ރޭ ވަޑައިގެން އާޓިސްޓުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަނީ މި ސަރުކާރުން ފަންނުވެރިންނަށް ބޭނުންވާ އެހީތެރިކަން ފުރިހަމައަށް ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފައެވެ. އެގޮތުން ކުރެހުމުގެ ފަންނު ދަސްކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ސަރުކާރުން ހަމަޖައްސައިދީ، އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމަށާއި އަމިއްލަ ފަންނާނުންނާއި ޖަމިއްޔާތަކަށްވެސް މާލީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހަމައެހެންމެ އާޓިސްޓުންގެ ހުނަރު ތަރައްގީކުރުމަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާ އެމަނިކުފާނު ވިދާޅުވީ އާޓިސްޓުންގެ ހުނަރު ދައްކާލުމަށާއި އެ ހުނަރު ތަރައްގީކުރުމަށް ޖާގައިގެ ގޮތުން ތަނަވަސް ވަކި ތަނެއް ހުޅުމާލޭގައި ތަރައްގީ ކުރައްވާނެ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ރޭގެ ހަފްލާގައި ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

"އަންނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީގެ ބަޖެޓްގެ ތެރެއިން މި އިންޑަސްޓްރީއަށް ހަރަދުކުރަން ގްރާންޓްގެ ގޮތުގައި ކަނޑައެޅޭ އުސޫލުގެ ތެރެއިން ކޮންމެ އަހަރަކު 25 މިލިއަން ރުފިޔާ ހަމަޖައްސައިދޭނަން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވެސް މައުރަޒުތައް ބޭއްވޭނެ ގޮތްތައް ތަނަވަސްކޮށްދެއްވާނެކަމަށާއި، ބައިނަލްއަގްވާމީ ފޯރަމް ތަކުގައިވެސް އާޓިސްޓުންގެ ހުނަރު ދެއްކުމަށް މިސަރުކާރުން މަގު ފަހިކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަންވެއިލިން ވިޒަންސް 2024" މައުރަޒަށް، އެކި ކުރެހުންތެރިން 200 އަށް ވުރެ ގިނަ ހުށަހެޅުން ފޮނުވާފައިވެއެވެ. އޭގެތެރެއިން މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމްއޭސީ)އިން ބެލުމަށްފަހު މި މައުރަޒަށް ހޮވާފައިވަނީ 105 ކުރެހުންތެރިންގެ މަސައްކަތްތަކެވެ.

ނޭޝަނަލް އާޓް ގެލަރީގައި މިހިނގާ ޖުލައި މަހުގެ 9 ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި މަރުރަޒުގައި ރާއްޖޭގެ މަޝްހޫރު ބައެއް ކުރެހުންތެރިންގެ އިތުރުން އަލަށް މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވެފައިވެއެވެ.

ރައީސް ޑރ. މުއިއްޒު، ރޭގެ ހަފްލާގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރޭގެ ހަފުލާގައި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ "ކެޓަލޮގް" އެއް ވެދުމަށް އަރުވާފައެވެ. އަދި މިހަފުލާގައި އެމަނިކުފާނު ވަނީ "އަންވެއިލިން ވިޒަންސް 2024" އަށް ޒިޔާރަތްކުރައްވާ ބޭފުޅުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ރާއްޖޭގެ ކުރެހުންތެރިންގެ ހުނަރު ދައްކާލުމަށް ސިލްސިލާކޮށް ކުރިއަށް ގެންދާ މި މައުރަޒު ބާއްވާތާ މިއީ 7 ވަނަ އަހަރެވެ.