ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ މެދުގައި އޮތް ތާއީދު ފަތުއަޑުކިޔާފައި އިތުރުވަމުންދާ ކަމުގެ ހެކި ރައްޔިތުންގެ ވޯޓުން އިއްޔެ ދައްކައިދީފި ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިފަދައިން ވިދާޅުވެފައި ވަނީ ޕީއެންސީއަށް މި ލިބުން ބޮޑު ކާމިޔާބާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން އަދުރޭ ވަނީ ރައީސް ޑރ. މުއިއްޒަށާއި އަދި އިންތިހާބު ކާމިޔާބު ކުރެއްވި ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައެވެ.
މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ހުސްވެފައިވާ ކައުންސިލަރުންގެ މަގާމުތަކަށް އާ ކައުންސިލަރުން އިންތިހާބު ކުރުމަށްޓަކައި އިއްޔެ ބޭއްވި ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އިން ހޯދި ކާމިޔާބަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.
އިއްޔެ ބޭއްވި 6 ބައި އިލެކްޝަނުން 5 ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ޕީއެންސީ އިންނެވެ. 5 ގޮނޑި ކާމިޔާބު ކުރި ޕީއެންސީގެ ކެންޑިޑޭޓުންނަކީ:
- ފާތިމަތު ޝައުފާ ސަލީމް – ހެންވޭރު ހުޅަނގު
- ފާތިމަތު އިޝާން އަލީ – މައްޗަންގޮޅި މެދު
- އަލީ އައިމަން – ހުޅުމާލެ
- އިބްރާހިމް އަހުމަދު - ކުޅުދުއްފުށި އުތުރު ދާއިރާ
- އަރީހް އިސްމާއިލް - ބިލެއްދޫ ކައުންސިލުގެ ރައީސް
މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 13،112 މީހުން ތިބި އިރު އެއީ 6409 އަންހެނުން އަދި 6703 ފިރިހެނުންނެވެ. ނަމަވެސް އިންތިހާބުގައި ވޯޓުލާފައި ވަނީ އެންމެ 26 ޕަސެންޓް މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ. އީސީ އިން ބުނީ 4 ޖެހުމާއި ހަމައަށް ވޯޓު ލީ 26.91 ޕަސެންޓް މީހުން ކަމަށާއި ވޯޓު ނުލާ ޕަސެންޓަކީ 73.09 ކަމަށެވެ.