މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ހުސްވެފައިވާ ކައުންސިލަރުންގެ މަގާމުތަކަށް އާ ކައުންސިލަރުން އިންތިހާބުކުރުމަށްޓަކައި މިއަދު ބޭއްވި ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އިން ހޯދި ކާމިޔާބަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިއަދު ބޭއްވި 6 ބައި އިލެކްޝަނުން 5 ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓުންނަށާއި، ކެމްޕޭނުގައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތައް އަދި ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

5 ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓުން:

  • ފާތިމަތު ޝައުފާ ސަލީމް – ހެންވޭރު ހުޅަނގު
  • ފާތިމަތު އިޝާން އަލީ – މައްޗަންގޮޅި މެދު
  • އަލީ އައިމަން – ހުޅުމާލެ
  • އިބްރާހިމް އަހުމަދު - ކުޅުދުއްފުށި އުތުރު ދާއިރާ
  • އަރީހް އިސްމާއިލް - ބިލެއްދޫ ކައުންސިލުގެ ރައީސް

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 13،112 މީހުން ތިބި އިރު އެއީ 6409 އަންހެނުން އަދި 6703 ފިރިހެނުންނެވެ. ނަމަވެސް އިންތިހާބުގައި ވޯޓުލާފައިވަނީ އެންމެ 26 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ. އީސީ އިން ބުނީ 4 ޖެހުމާއި ހަމައަށް ވޯޓު ލީ 26.91 އިންސައްތަ މީހުން ކަމަށާއި ވޯޓު ނުލާ 73.09 އިންސައްތަ މީހުން ތިބި ކަމަށެވެ