ރާއްޖެއިން މަތީ ތައުލީމު ހާސިލުކުރަން ބޭރަށް ދާ ދަރިވަރުން ގައުމަށް އެނބުރި އައިސް ހިދުމަތް ކުރުމަށް ފަސްޖެހޭކަމަށާއި މިހެން ވާން ދިމާވާ މައިގަނޑު ސަބަބަކީ ވަޒީފާ ނުލިބުން އަދި ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ އާ ހުރެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިދިޔަ އަހަރުގެ އޭ އެލެވެލް އިމްތިހާނުން ފަސް މާއްދާއިން "އޭ ސްޓާ" ހޯދައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕް އަދި ފަސް މާއްދާއިން "އޭ" ހޯދައި ހައި އެޗީވާސް ސްކޮލާޝިޕް ހާސިލުކުރި ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރުމަށް ހުރަވީ ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ އާއިލާތަކުގެ އެކި މެންބަރުން ހޯދާ އާމްދަނީ އެއްކޮށްލައިގެން ކުލިދައްކާ އާއިލާތައް ވެސް މާލޭގައި މަދު ނޫންކަމަށާއި މިރޭ ހޯދި ކާމިޔާބީ ލިބުނު ބައެއް ކުދިން އެ ކާމިޔާބީއާ ހިސާބަށް ގޮސްފައި ވާނީ ވަރަށް ހާލުގައި ފިލާވަޅު ހަދައިގެންކަމަށެވެ. އެހެންކަމުން ގެދޮރުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ ކަންތައް އޮތީ މުޅިން ރަނގަޅަކަށް ނޫންކަމަށާއި މިކަމުގެ ސަބަބުން ވަރަށް ގިނަ ކުދިން ކިޔަވައިނިމިގެން ރާއްޖެ ނައިސް މަޑުކުރާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ގައުމަށް ހިދުމަތްކޮށް ދިނުމަށް ގިނަ ދާއިރާތައް ދިވެހިންނަށް ހާއްސަކުރުމަށް ނިންމަވާފައި ވާކަމަށާއި، މިވަގުތުވެސް ހާއްސަ ދާއިރާތަކުން ކިޔަވައިގެން އައިސް ތިބި އެތަކެއް ޒުވާނުން ވަޒީފާގެ ފުރުސަތު ނުލިބި ތިބިއިރު، ސަރުކާރުގެ މުސާރަ ކުޑަވުމުން ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރަމުންދާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން މިކަން ހައްލު ކުރުމަށް އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުން އުމްރާނީ ތަރައްގީއަށް ކުރާ ހޭދައިން އެއްބައި އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ހޭދަކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން އަންނަ އަހަރުން ފެށިގެން 200 މިިލިޔަން ރުފިޔާ އިންސާނީ ވަސީލަތް ތަރައްގީކޮށް ރަނގަޅު ވަޒީފާތަކަށް ބޮޑު މުސާރަ ދިނުމަށް ކަނޑައަޅުއްވާނެ ކަމަށެވެ.
2023 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގައި ރާއްޖޭގެ 45 ސްކޫލަކުން 1407 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. މި ދަރިވަރުންގެ ތެރެއިން 19 ދަރިވަރަކު ވަނީ ފަސް މާއްދާއިން "އޭ ސްޓާ" ހޯދައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕް ހާސިލުކޮށްފައެވެ. އަދި 117 ދަރިވަރަކު ވަނީ ފަސް މާއްދާއިން "އޭ" ހޯދައި ހައި އެޗީވާސް ސްކޮލާޝިޕް ހާސިލުކޮށްފައެވެ.