ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް 10 ކޮމްޕިއުޓަރު ސިސްޓަމާއި 7 ލެޕްޓޮޕް ހަދިޔާ ކުރައްވައިފިއެވެ.
މި ސާމާނު ހަދިޔާ ކުރެއްވުމަށް މިއަދު ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ޕާކިސްތާން އެމްބަސީގެ ފަރާތުން މި ސާމާނު ހަވާލުކޮށްދެއްވާފައިވަނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ފައްޔާޒް ގިލާނީއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސާމާނާއި ހަވާލުވެލައްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ސަފީރު ވިދާޅުވީ ދިވެހިރާއްޖެއާއި ޕާކިސްތާނާއި ދެމެދު ވަނީ ވަރަށް ގާތް ގުޅުމެއްކަމަށާއި ދިވެހިރާއްޖެއަށް ބޭނުންވާ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމުގައި އަބަދުވެސް ޕާކިސްތާނު ދެމިއޮންނާނެކަމަށެވެ.
މީގެ އިތުރުން އިސްލާމީ ގުޅުން ވަރުގަދަ ކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރައްވާނެކަަމަށްވެސް ސަފީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ޕާކިސްތާނުގެ ފަރާތުން ދިވެހިރާއްޖެއަށް، ހާއްސަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޕާކިސްތާނު ސަފީރަށް ޝުކުރު ދަންނަވާފައެވެ. މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިންވަނީ ބައިވެރިވެލައްވާފައެވެ.