ގެވެށި އަނިޔާ ހުއްޓުވުމަށް ގުޅިގެން މަސައްކަތް ކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތަކާ، މުއައްސަސާތަކުން މަސައްކަތް ކުރާ އިޖުރާއަތުތަކާއި، މަދަނީ ޖަމުއިއްޔާ ޖަމާއަތްތަކާ އެކު މަސައްކަތްކުރެވޭނެ ގޮތްތަށް ދެނެގަތުމަށް ސިމްޕޯސިއަމްއެއް ބާއްވަން ނިންމާ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އިން ބުނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ވުޖޫދުވެގެން އައީ، ގެވެށި އަނިޔާގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ރައްކާތެރިކޮށް، އެ ފަރާތްތައް ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫއަ ކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ މަގުސަދުގައި ކަމަށެވެ.
މިގޮތުން، ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ކުރިމަތިވާ ޖިސްމާނީ، ނަފުސާނީ، އިގްތިސާދީ، އިޖުތިމާއީ އަދި ސިއްހީ ގެއްލުންތަކުން އަރައިގައިގަތުމަށާ، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ހިދުމަތްތަށް ފޯރުކޮށްދީ، ގާނޫނުގައި ކަނޑައަޅާފައިވާ މަގުސަދުތަށް ހާސިލުކުރުމަށްޓަކައި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ އެންމެހާ މުއައްސަސާތަކާ މަދަނީ ޖަމުއިއްޔާ ޖަމާއަތްތަށް ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމުގައި އެ އޮތޯރިޓީ އިން ވަނީ ފާހަގަ ކޮށްފައެވެ.
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އިން ބާއްވަން ނިންމާފައިވާ ސިމްޕޯސިއަމް އާއި ގުޅޭ ގޮތުން ބުނެފައިވައިވަނީ މިއީ ގެވެށި އަނިޔާގެ ޝިކާރަޔަކަށްވާ ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދޭ އެންމެހާ މުއައްސަސާތަކާއި މަދަނީ ޖަމުއިއްޔާ ޖަމާޢަތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ސިމްޕޯސިއަމެއް ކަމަށެވެ.
"ގުޅިގެން ބަދަލެއް: ގެވެށި އަނިޔާ ހުއްޓުވުމަށް އިޖާބަދިނުމުގައި ބާރުވެރި މުޖުތަމައެއް ބިނާ ކުރުން" ނަމުގައި މި އަހަރު ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ސިމްޕޯސިއަމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ޖުލައި 31، 2024 ގެ ކުރިން ގޫގަލް ފޯމް ހުށަހެޅުމަށް އެ އޮތޯރިޓީއިން ވަނީ އެދިފައެވެ.
މި ސިމްޕޯސިއަމްގައި ބައިވެރިވުމަށް ހޮވާލެވޭނީ ރަޖިސްޓްރީވާ މަދަނީ ޖަމުއިއްޔާ ޖަމާއަތްތަކުގެ ތެރެއިން 20 ޖަމުއިއްޔާއެވެ.
މި އަހަރުގެ މިހާތަނަށް ގެވެށި އަނިޔާގެ 136 މައްސަލަ ފުލުހަށްވަނީ ހުށަހަޅާފައެވެ. ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވަމުން އަންނައިރު، މިފަދަ މައްސަލަތައް ސިއްރުކުރުމާއި، ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅާ ނިސްބަތް މަދުކަން ފާހަގަކޮށްލެވެއެވެ.