ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ އާއިލާ އާއި މެންބަރުންނާ އެކު ފުރާ އެންމެނަށް ވެލާނާ އެއާޕޯޓުގެ ވީއައިޕީ ލައުންޖުން ހިދުމަތްދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމި ނިންމުން ކުރިން އޮތް ގޮތަށް ބަދަލުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ އާއިލާ އާއި މެންބަރުންނާ އެކު ފުރާ އެންމެނަށް ވެލާނާ އެއާޕޯޓުގެ ވީއައިޕީ ލައުންޖުން ހިދުމަތްދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމި ނިންމުން ކުރިން އޮތް ގޮތަށް ބަދަލުކޮށްފިއެވެ.

މެންބަރުންނަށާއި މެންބަރުންގެ އާއިލާ އަށާއި މެންބަރުންނާ އެކު ފުރާ އެންމެނަށް ވީއައިޕީގެ ހިދުމަތް ދޭން ނިންމީ އާންމު ކޮމިޓީން މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައެވެ.

މެންބަރުންނާ އެކު ފުރާ އެންމެނަށް ވެލާނާ އެއާޕޯޓުގެ ވީއައިޕީ ލައުންޖުން ހިދުމަތްދޭގޮތަށް، މިހާރު އަމަލުކުރަމުންދާ އުސޫލަށް ބަދަލު ގެންނަން ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ.

އެ ހުށަހެޅުމަށް ބަހުސްކުރެއްވި ޕީއެންސީގެ މެންބަރުން ތާއީދުކުރެއްވީ ނިމިދިޔަ 19 ވަނަ މަޖިލީހުގެ މެންބަރުން ވެސް އެގޮތަށް ފާސްކޮށްފައިވާތީ ހަމަ އެގޮތަށް ފާސްކުރުމަށެވެ. ބައެއް މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން ހުރި ނަމަވެސް، ކޮމިޓީގެ އިއްތިފާގުން ވަނީ އެ ހުށަހެޅުން ފާސްވެފައެވެ.

އެކަމަކު އެ ނިންމުން މުރާޖައާކުރުމަށް އާންމު ކޮމިޓީން ވަނީ މިރޭ ބައްދަލުވުމެއް ބާއްވައިފައެވެ.މިރޭގެ ބައްދަލުވުން ފަށްޓަވަމުން ހުޅުދޫ ދާއިރާގެ މެންބަރު އަދި ކޮމިޓީގެ މުގައްރިރު މުހައްމަދު ޝާހިދު ވިދާޅުވީ، ނިމިދިޔަ 19 ވަނަ މަޖިލީހުގެ އާންމު ކޮމިޓީން ނިންމި ނިންމުން މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި ފާސްކޮށް އެ ގޮތުގައި ބާއްވަން ނިންމި ނަމަވެސް، މި ނިންމުން މުރާޖައާކުރުމަށް ކޮމިޓީން ނިންމީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތަށް ރިއާޔަތްކޮށް މި ނިންމުން މުރާޖައާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގަތުމުން ކަމަށެވެ.މި ނިންމުމަކީ އޭރުގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމި ނިންމުމެއް ކަން ފާހަގަކުރައްވައި މެންބަރުންނާ އެކު ފުރާ އެންމެނަށް ވީއައިޕީ ދޭ ގޮތަށް ހުށަހެޅުއްވި މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ، އޭރުގެ ހާލަތު ހުރިގޮތުން މި ނިންމުމަށް އަމަލުނުކޮށް އޭރުގެ މަޖިލީހުން ބާއްވާފައިވާ ކަމަށެވެ.އެކަމަކު މި ނިންމުން މުރާޖައާކުރުމަށް އަބްދުއްރަހީމް ލަފާ ދެއްވުމުން އިބްރާހީމް ދީދީ ވަނީ 19 ވަނަ މަޖިލީހުގެ އާންމު ކޮމިޓީން ނިންމި ނިންމުން ބާތިލުކޮށް އެ މައްސަލަ ބޭރުކޮށްލައި، މިހާރު ވެސް އަމަލުކުރަމުންދާ ގޮތް ކަމަށްވާ މެންބަރުންނާއި މެންބަރުންގެ އާއިލާ އަށް ވީއައިޕީގެ ހިދުމަތް ބޭނުންކުރެވޭ ގޮތަށް އެ އޮންނަ އޮތުން ދެމެހެއްޓުމަށް ހުށަހަޅުއްވައިފައެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ތިމަރަފުށި ދާއިރާގެ މެންބަރު އަހްމަދު ރިޔާޒެވެ.އެހެންކަމުން މި ހުށަހެޅުން ކޮމިޓީގެ އިއްތިފާގުން ފާސްކޮށް ބައްދަލުވުން ވަނީ ނިންމާލައިފައެވެ.