މާލޭގެ އެކި ސަރަހައްދުތަކުގައި އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް ހުރި ގްރެފިޓީތައް ފޮހުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ މާލޭސިޓީގެ އެކި ސަރަހައްދުތަކުގައި އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ލިޔެފައި ހުރި ގްރެފިޓީތައް ނައްތާލުމުގެ ހަރަކާތެއް ފަށާފައިވަނީ ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަގެ ތެރެއިން ކަމަށެވެ.
އެ މަސައްކަތަކީ ގޭންގު ކްރައިމް އެންފޯސްޓްމަންޓުން އިސްނަގައިގެން މާލޭ ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށާއި އެ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކުގެ ފާރުތަކުގައި ހުރި އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ލިޔުންތަކާއި ކުރެހުންތައް ނައްތާލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ލިޔުންތަކާއި ކުރެހުންތައް ނައްތާލާފައިވަނީ އެ ސަރަހައްދުތަކަކީ އާއްމު ރައްޔިތުންނާއި ކުޑަކުދިން ޒިޔާރަތް ކުރާ ސަރަހައްދު ތަކަކަށް ވާތީ އާއި ކުޑަކުދިންނާ ނުގުޅޭފަދަ މަންޒަރުތަކާއި ލިޔުންތަކަށްވާތީ ކަމަށް ފުލުހުން ބުނެއެވެ.
މި މަސައްކަތް މާލޭ ސިޓީގައި ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މީގެ ކުރިންވެސް އެކި ފަހަރު މަތިން ފުލުހުން ވަނީ މިފަދަ ގްރެފިޓީތައް ފުހެފައިވެއެވެ.