ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް މިއަދު ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އެ މިނިސްޓްރީގެ އިސްވެރިން ހާޒިރުވެފައި ނުވާތީ ކޮމެޓީގެ މެންބަރުން ވަރަށް ބޮޑަށް ނުރުހުންވެއްޖެއެވެ.

ޕެޓިޝަން ކޮމެޓީގައި މިއަދު ތާވަލްކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ގެދޮރުވެރިންގެ ފްލެޓް ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓް ކޮށްފައިވާ ލިސްޓު ބާތިލު ނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭގޮތުން މަޗްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމަށް ހައުސިން މިނިސްޓްރީގެ އިސްވެރިންނަށް އަންގާފައި ވީ ނަމަވެސް މިއަދުގެ 11:00 އަށް ތާވަލުކޮށްފައިވާ އެ ބައްދަލުވުމަށް މިނިސްޓަރަށް ބައިވެރިވެ ވަޑައި ނުގެންނެވުނީ ކެނިނެޓުގެ ބައްދަލުވުމެއްގައި އިންނެވުމުން ކަމަށް އެ ކޮމިޓީގެ މުގައްރިރު ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ވިދާޅުވިއެވެ. އަދި މިނިސްޓަރުގެ ފަރާތުން އެކަން ކޮމެޓީއަށް އަންގާފައިވާ ކަމަށް ވެސް މުހައްމަދު އަލީ ވިދާޅުވިއެވެ.

އަދި މި ބައްދަލުވުން އެހެން ދުވަހަކަށް ތާވަލު ކުރުމަށް މުގައްރިއްރު ހުށަހެޅުއްވިއެވެ. އެއާއެކު ކޮމެޓީ ފަށަން ތާވަލުކޮށްފައިވާ ގަޑިއާ ގާތްވެފައި ވަނިކޮށް އެންމެ ފަހު ވަގުތު މިނިސްޓަރަށް ވަޑައިނުގެންނެވޭނެ ކަން ކޮމެޓީއަށް އެންގުމުން މެންބަރުން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ، ކޮމެޓީއަށް ހާޒިރުވާން މިނިސްޓަރަށް ދުރާލާ އެކަށީގެންވާ ވަގުތު އޮއްވާ އަންގާފައިވާނެ ކަމަށާއި ހަމަ އެގޮތަށް މިނިސްޓަރު ވެސް ކޮމެޓީއަށް ހާޒިރުނުވޭވެ ނަމަ ކުރިއާލާ އެންގުމުން ކޮމެޓީގެ މަސައްކަތަކަށް ވެސް ބުރޫނާރާނެ ކަމަށެވެ.

ހަމައެއާއެކު ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދު ވިދާޅުވީ، ކޮމެޓީއަށް ހާޒިނުވެވޭނެކަން އަންގަންޖެހޭނީ އެންމެ ފަހުވަގުތު ނޫން ކަމަށާއި އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އަދި އެ ކޮމިޓީގައި ތިއްބެވި މެންބަރުން އެ ތިއްބެވީ މީގެ ދެ ދުވަސް ކުރިން އެޖެންޑާ ލިބިގެން ކޮމެޓީއަށް ހާޒިރުވެވަޑައިގެން ކަމަށާއި މިއީ ވަޒީރަށް ހާޒިރުނުވެވޭނެކަން އެންގެންވީ ވަގުތެއް ނޫން ކަމަށް އެނާ ވިދާޅުވިއެވެ. ހައުސިން މިނިސްޓްރީގެ ކަންކަން ހުންނަން ވާނީ މިއަށް ވުރެ ފުރިހަމަކޮށް ޒިންމާދާރުކޮށް ކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ. އަދި މަޖިލީހުގެ ތަޅުމުގައި މުހިންމު ބިލުތަކަށް ބަހުސްކުރަމުން ދަނިކޮށް، އެތަން ދޫކުރައްވައި ކޮމިޓީއަށް ޒިޔާދު ހާޒިރުވެވަޑައިގަތް ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު ނުރުހުން ފާޅުކުރައްވަމުން ވިދާޅުވީ، މިއަދު ތާވަލުކޮށްފައި އޮތް މައްސަލައަކީ ރައްޔިތުންނާ ގުޅުންހުރި ވަރަށް މުހިންމު ހައްސާސީ މައްސަލައެއް ކަމަށެވެ. ކޮމެޓީގެ މަސައްކަތްތައް ރާވާފައި ހުންނަނީ މެންބަރުންނާއި މިނިސްޓަރުންގެ މަސައްކަތަށް ވެސް ދަތިނުވާގޮތަށް ކަމަށާއި އެހެންކަމުން ދުރާލައި މިނިސްޓްރީއަށް އަންގައި، ސިޓީ ފޮނުވަނީ އެ ސަބަބާ ހުރެ ކަމަށް އޭނާ ވިދާޅުވިއެވެ، އަދި މިނިސްޓްރީން ވެސް އަމަލު ކުރަން ޖެހޭނީ ހަމަ އެގޮތަށް ކަމަށް އަބްދުއްލަތީފް ވިދާޅުވިއެވެ. ރައްޔިތުންނަށް މުހިންމު ހައްސާސީ އެފަދަ މައްސަލައެއްގައި މިނިސްޓަރަށް އެހާ ޒިންމާދާރުކޮށް އަމަލުތައް ބެހެއްޓޭނެ ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިނިސްޓަރަށް ވަޑައިނުގެންނވޭ ކަމަށް ވާ ނަމަ އެ މިނިސްޓްރީގެ އިސ ްބޭފުޅުންނަށް އެ ކމިޓީއަށް ވަޑައިގަނެވޭނެ ކަން ވެސް ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރުގެ އަމަލާ މެދު ނުރުހުން ފާޅުކުރެއްވުމަށް ފަހު މެންބަރުން ނިންމީ ވީހާ ވެސް އަވަހަކަށް ހައުސިން މިނިސްޓްރީގެ މެންބަރުން ކޮމެޓީއަށް ހާޒިރުކު ރުމަށެވެ. ނަމަވެސް އެ ކޮމިޓީ ނިންމާލި އިރު ދެން އޮންނަ ބައްދަލުވުން ބާއްވާނެ ވަކި ތާރީހެއް ކަނޑައަޅާފައެއް ނުވެއެވެ،