މާލޭ ވިޔަފާރިވެރިންގެ މިސްކިތުން ވައްކަންކޮށްފައިވާ މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މާލޭ ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް އިއްޔެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި މި މައްސަލަ އާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
މާލެ ސަރަހައްދުގެ މިސްކިތްތަކުން ވައްކަންކުރުމާ، މިސްކިތްތަކަށް ގެއްލުން ދިނުމުގެ މައްސަލަ އިތުރުވަމުން އަންނައިރު މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެންް މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 21 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
އެގޮތުން މިދިޔަ ޖޫންމަހު މާލޭ، އީދު މިސްކިތުން އެކަނިވެސް 10 ފަންކާ ވަގަށް ނަގާފައިވާއިރު މާލޭގެ ފުލުހުން ވަނީ މިސްކިތްތަކުން ގެއްލިގެން ރިޕޯޓު ކުރި ހަ ފަންކާ އާއި ދެ ފޯނުގެ އިތުުރުން ފެން މޯޓަރެއް ހޯދައި މިސްކިތްތަކާ ހަވާލު ކޮށްފައެވެ.