ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތެޔޮ ފޯރުކޮށްދެނީ ތެލުގައި ފެން ހުރިތޯ ބަލައި، ފެން ނެތްކަން ޔަގީން ކުރުމަށް ފަހުގައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ސުހައިލް ވިދާޅުވެއްޖެއެވެ.
އެފްއެސްއެމްއިން ގއ. މާމެންދޫ އަދި ގއ. ނިލަންދޫއަށް ފޯރުކޮށްދިން ތެލުގައި ފެން ހުރި ކަމަށް ދެކެވެމުންދާ ވާހަކައާ ގުޅިގެން "ދަ ޕްރެސް" އިން ސުވާލު ކުރުމުން ސުހައިލް ވިދާޅުވީ ކަސްޓަމަރުންނަށް ތެޔޮ ޑެލިވަރީ ކޮށްދެނީ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށެވެ.
ތެލުގެ ކޮންމެ ޕްރޮޑަކްޓެއް (ޕެޓްރޯލް އަދި ޑީސެލް) ޑެލިވާ ކުރުމުގެ ކުރިން ފެން ހުރިތޯ ވޯޓާ ފައިންޑިން ޕޭސްޓް ބޭނުންކޮށްގެން ބަލާކަން ފާހަގަ ކުރައްވާ ސުހައިލް ވިދާޅުވީ މާމެންދޫ އަދި ނިލަންދޫއަށް ވެސް ތެޔޮ ޑެލިވާކޮށްފައި ވާނީ ފެން ހުރިތޯ ބެލުމަށްފަހުގައި ކަމަށެވެ. އަދި ފެން ހުރި ކަމަށް ދެކެވޭ ވާހަކައާއެކު އެ ރަށްރަށަށް ތެޔޮ ޑެލިވާ ކުރި ވެސެލްއާއި އެ ވެސެލްއަށް ތެޔޮ ލޯޑު ކުރި މައި ވެސެލް ވެސް އަލުން ބަލާފައިވާ ކަމަށާއި ފެނުގެ އަސަރު ނެތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ސުހައިލް ވިދާޅުވީ މާމެންދޫ އަދި ނިލަންދޫ ފިޔަވައި ގއ އަދި ލ އަތޮޅުގެ ރަށްތަކަށް ހަމަ އެ ވެސެލްގައި ގެންދިޔަ ތެޔޮ ޑެލިވާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ 2 ރަށް ފިޔަވާ އެހެން އެއްވެސް ރަށަކަށް ޑެލިވާ ކުރި ތެލުގައި މައްސަލައެއް ކުރިމަތިވެފައި ނުވާކަން ސުހައިލް ފާހަގަ ކުރެއްވިއެވެ.
ގިނަ ރަށްރަށުގައި ތެޔޮ ގެންގޮސް ރައްކާކޮށްފައި ހުންނަނީ އެންމެ އެކަށީގެންވާ އަދި ރައްކާތެރި ގޮތުގައި ނޫންކަން ސުހައިލް ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ގިނަ ރަށްރަށުގައި ޓައްޕު ޓައްޕުގައި ނުވަތަ ފީފާތަކުގައި ތެޔޮ ރައްކާކޮށްފައި ބަހައްޓާ ކަމަށާއި މިފަދައިން ބެހެއްޓުމުން ވާރޭވެހިއްޖެނަމަ ތެލަށް ފެން އެޅުމުގެ ފުރުސަތު ބޮޑުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ސުހައިލް ވަނީ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ތެޔޮ ރައްކާ ކުރުމުގައި އަމަލު ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި އެފްއެސްއެމްއިން ޑެލިވާކުރި ތެލުގައި ފެން ނުހުންނާނެ ކަމުގެ ޔަގީންކަން ސުހައިލް ވަނީ ދެއްވާފައެވެ. އެފްއެސްއެމްއިން ޑެލިވާ ކުރި ތެލުގައި ފެން ހުރި ކަމަށް ދެކެވޭ ވާހަކައަކީ ކުންފުނީގެ އަގު ވައްޓާލަން ބަޔަކުކޮށްފައިވާ ކަމެއްގެ ގޮތުގައި ސުހައިލް ވަނީ ސިފަކުރައްވާފައެވެ.