1 މިލިއަން ޑޮލަރު ހޯދަން ބީއެމްއެލްއާ ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވާ ނުކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ބީއެމްއެލްއިން މިހެން ބުނެފައިވަނީ ގއ. ވޮޑަމުލާގެ މައްސަލާގައި ހިމެނޭ 1 މިލިއަން ޑޮލަރު ބީއެމްއެލްގައި އޭސީސީއިން ހުޅުވާފައިވާ އެކައުންޓުގައި ހިފަހައްޓާފައިވާތީ އެ ފައިސާ ހޯދުމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މިއަދު ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައެވެ.

ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާތީ އެ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއްތޯ ބެލުމަށް އޭސީސީއިން ކުރަމުންދާ ތަހުގީގާ ގުޅިގެން އެ ފައިސާ އޭސީސީގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލްގެ އެކައުންޓަށް ޖަމާކޮށްފައިވަނީ ޖޫން 10، 2018 ގައެވެ.

އެ ފައިސާ އެސީސީގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައި ހުރި އެކައުންޓަށް ޖަމާކުރުމުގެ ގޮތުން ރައީސް ޔާމީންއާއި އޭސީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މާޗް 25، 2018 ގައި ކަމަށްވާއިރު ބީއެމްއެލްއަކީ އެ އެއްބަސްވުމުގެ އެއްވެސް ބައިވެރިއެއް ނޫން ކަމަށް ބީއެމްއެލްގެ ގާނޫނީ ވަކީލު މޫސާ ފާރިޝް އަހުމަދު ތަކުރާރުކޮށް މިއަދުގެ އަޑުއެހުމުގައި ވަނީ ފާހަގަކުރައްވާފައެވެ.

އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ 12 މަސް ދުވަހުގެ މުއްދަތު ހަމަވިއިރުވެސް އެ ފައިސާ އަނބުރާ ލިބިފައި ނުވާތީ ރައީސް ޔާމީން ފަރާތްޕުޅުން ވަނީ އެ ފައިސާ ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް އަމުރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އެ މައްސަލަ ސިވިލް ކޯޓަށް ރައީސް ޔާމީންގެ ޕަރާތްޕުޅުން ހުށަހަޅުއްވީ 2022 ވަނަ އަހަރުގެ ތެރޭގައި ކަމަށްވާއިރު އެ މައްސަލާގެ ޖަވާބުދާރީއެއްގެ ގޮތުން ބީއެމްއެލްއިން ވަނީ ކޯޓުގެ އިހުތިސާސާމެދު އިއުތިރާޒެއް ހުށަހެޅާފައެވެ.

ސިވިލް ކޯޓުން ވަނީ ބީއެމްއެލް ވެސް ޝާމިލުވާ ގޮތަށް އެ މައްސަލަ ބެލުމަށް އަންގާ މައްސަލަ ނިންމާފައެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ހައިކޯޓުގައި ފެށި އިސްތިއުނާފުގެ ޝަރީއަތުގައި ބީއެލްއެލްއިން ހުޅުހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ބުނެފައިވަނީ މައްސަލަ ބަލައިގެން ނުވާނެ ހާލަތެއް ވުޖޫދުވެފައި ވަނިކޮށް މައްސަލަ މައުލޫއީ ގޮތުގައި ބެލުމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ދެވަނަ ނުކުތާއެއްގެ ގޮތުގައި ބީއެމްއެލްއިން ވަނީ ސިވިލް ކޯޓުގެ އިޖުރާއީ ނިންމުން ނިންމާފައިވަނީ ސްޕްރީމް ކޯޓާއި ހައިކޯޓުގެ ބައެއް ގަޒިއްޔާތަކުގެ އުސޫލާ ހިލާފަށް ކަމަށް ބުނެއެވެ.

ބީއެމްއެލްގެ ވަކީލު ވިދާޅުވީ ރައީސް ޔާމީންއާއި އޭސީސީއާ ދެމެދު ވެވުނު އެއްބަސްވުމަކީ "އެކްސްކްރޯ" އެއްބަސްވުމެއް ކަމަށް ބުނެފައިވީ ނަމަވެސް މި ފައިސާގެ މުއާމަލާތް ހިނގާފައި ވަނީ އެހެން ނޫން ކަމަށެވެ. އެގޮތުން އެކްސްކްރޯގެ މުއާމަލާތުގައި ފައިސާ ޖަމާކުރާނީ އެކްސްކްރޯ އެޖެންޓުގެ އެކައުންޓަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެއާހިލާފަށް މި މުއާމަލާތުގައި ފައިސާ ޖަމާކޮށްފައި ވަނީ ފައިސާ ޖަމާކޮށްފައި ވަނީ އޭސީސީގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށްކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ފައިސާ ދޫކުރެވޭނީ އޭސީސީއަށް ކަމަށެވެ. އަދި ކަސްޓަމަރެއްގެ އެކައުންޓުގައި ހިމެނޭ ފައިސާއެއް އެ ބޭންކަށް ތިންވަނަ ފަރާތަކަށް ދޫކުރެވޭނީ ކަސްޓަމަރު އެންގުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިކަމުގައި ޒިންމާ ނަގަންޖެހޭނީ އޭސީސީއިން ކަމަށް އޭނާ ވިދާޅުވިއެވެ.