މިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގައި އޮތް މެނޭޖްމަންޓުން ހިންގި ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގު ލަސްވަނީ އެ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން މައުލޫމާތު ހިފަހައްޓާތީ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނުމުން ފެނަކައިގެ މެނޭޖިން ޑިރެކްޓާ މުއާޒް މުހައްމަދު ރަޝީދު އެ ވާހަކަތަކަށް ރައްދު ދެއްވައިފިއެވެ.
މުއާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް އިދާރާއަކަށް ބޭނުންވާ މައުލޫމާތު ނުހިފަހައްޓާނެ ކަމަށާއި، ކުރީގެ ލިޔެ ކިޔުންތައް ހޯދުމުގައި ލަސްވަނީ ލިޔެކިޔުންތައް ގެއްލުވާލާފައި ވާތީ ކަމަށެވެ.
މުއާޒް މިފަދައިން ވިދާޅުވެފައި ވާއިރު އޭސީސީ އަށް ކިތަންމެ މައްސަލައެއް ހުށަހެޅިއަސް އެ ކަމެއްގައި އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ބުނެ އޭސީސީ އަށް މިއަދު ވަނީ .މަޖިލީހުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކޮށްފައެވެ. ސަރުކާރުގެ ކުންފުނިތަކާ ގުޅޭގޮތުން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަތައް ކުރިއަށް ގޮސްފައިވާ ހިސާބު ދެނެގަތުމަށް އޭސީސީގެ މެންބަރުން މިއަދު މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ދެއްކެވި ވާހަކައިގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަނީ އޭސީސީ އަށް ކިތަންމެ މައްސަލައެއް ހުށަހެޅިއަސް އެ ކަމެއްގައި "ވާ ކަމެއް ހަރާމް" ކަމަށް ވިދާޅުވެފައެވެ.
ނާޒިމް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ އެތައް މައްސަލައެއް އޭސީސީ އަށް ލިބެމުން ދިޔަ ނަމަވެސް އޭސީސީ އިން އެއްވެސް ކަމެއް ނުކޮށް ތިބި ކަމަށެވެ. މިކަމާ ގުޅިގެން އޭސީސީ އިން ބުނީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލު ކަމަށް އެކަން އޭސީސީން ގެނައި ކަމަށެވެ.
މީގެއިތުރުން މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ގެއްލިގެން ހޯދަން އަނބުރާ އަންގާފައިވާ ފައިސާގެ ތެރެއިން ހޯދިފައިވަނީ ހަ ލައްކަ ރުފިޔާ ކަމަށާއި އެއީ އޭސީސީގެ ތާރީހުގައި ރެކޯޑެއް ކަމަށް އޭސީސީގެ ރައީސް އާދަމް ޝާމިލް ވަނީ ވިދާޅުވެފައެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އޭސީސީއިން އިތުރަށް ފާހަގަކުރީ ފެނަކައިގެ މިދިޔަ މެނޭޖްމަންޓާ ގުޅުވާ، އޭސީސީއަށް އާދަޔާ ހިލާފަށް ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށާއި، މި މައްސަލަތައް މިދިޔަ އަހަރުން ފެށިގެންވެސް ފާހަގަވެ، ކުރިއަށް ގެންދާނެ ގޮތްތަކެއް ކަނޑައަޅާ ތަހުގީގު ކުރިއަށް ގެންދަނީ ވިސްނުންތެރި ކަމާއެކު ކަމަށެވެ. ހަ މައްސަލައެއް މިވަގުތުވެސް ތަހުގީގު ކުރަމުން ދާކަމަށްވެސް ޝާމިލް ވަނީ ވިދާޅުވެފައެވެ.