މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ސަރުކާރަށް ގޮވާލައްވައިފިއެވެ.

މާލޭގެ ގެދޮރުވެރިކަމާއި ފްލެޓްތަކުގެ މައްސަލައާއި ގުޅޭގޮތުން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މާލޭގެ ރައްޔިތުން އުޅެމުންދަނީ ނުހަނު ދަތިހާލުގައި ކަމަށާއި އެއީ އެންމެންނަށްވެސް އިނގޭ ހަގީގަތެއް ކަމަށެވެ.

އަދި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ނުކުރުމަށް ދައްކާ ބަހަނާ ރައްޔިތުން އަޑުއަހަން ބޭނުން ނުވާ ކަމަށާއި ފްލެޓު މައްސަލައަށް އަވަހަށް ގޮތެއް ނިންމައިދިނުމަށް އާޒިމް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ހަމައެހެންމެ ބުދަ ދުވަހު ކައުންސިލުން އެކަމާ ގުޅިގެން މަޝްވަރާކޮށް ގޮތެއް ނިންމުމަށްފަހު ސަރުކާރުގެ ސަމާލުކަމަށް ގެންނާނެކަން ފާހަގަ ކުރައްވާ އާޒިމް އިތުރަށް ވިދާޅުވީ ކައުންސިލުން ނިންމާ ނިންމުންތަކުގައި ކޮންމެ ރައްޔިތެއްގެ ހައްގުވެސް ކަށަވަރު ކުރައްވާނެ ކަމަށެވެ.

އަދި އެއް ބަޔަކު ފިނި ކޮޓަރީގައި ތިބޭއިރު، އަނެއް ބަޔަކު އުޅޭ ހާލުވެސް ބަލަން ޖެހޭ ކަމަށާއި، ބަޔަކަށް ދީފައިވާ ފްލެޓާއި ގޯތި އަތުލައިގެން ނުވާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުންވެސް ސަރުކާރުގެ މުޅި ވަގުތު ހުސް ކުރައްވައިގެންވެސް މާލޭގެ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އާޒިމް ވަނީ ގޮވާލައްވާފައެވެ.

"ގެދޮރުވެރިކަމުގެ ކަންތައްތައް އަވަސްކޮށްދެއްވާށޭ، މިއީ ލަސްކުރެވޭނެ ކަމެއް ނޫނެވެ. ވަރަށް ހާލުގަ ވަރަށް ނިކަމެތީގައި މީހުްނ އެބައުޅޭ، މިއަދުވެސް އަޅުގަނޑަށް ފެނުނު ލޮލުން ކަރުނަ އަންނަ ނަމަވެސް ހިފާއްޓަން މަސައްކަތް ކުރިތަން."
އާޒިމް

އަދި މިއީ ހުރިހާ މީހުންނަށްވެސް ފެންނަންޖެހޭ މަންޒަރެއް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ކުރީ ސަރުކާރުން 'ބިންވެރިޔާ' ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކާއި ގޯތީގެ ރަޖިސްޓްރީ ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ނުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބިލު އަނބުރާ ވަނީ ފޮނުއްވާލާފައެވެ. ބިލް ބޭރުކޮށްލުމާއެކު އާންމުންގެ އިތުރުން އިދިކޮޅު ފަރާތްތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަމަވެސް ސަރުކާރުގެ ފަރާތުން ބުނަމުންދަނީ އެކަންކަމަށް ހައްލެއް ހޯދައިދިނުމަށް ބިމުގެ ބިލްގެ ނަމުގައި މި ސަރުކާރުން އާ ބިލެއް ހުށަހަޅާފައިވާ ކަމަށެވެ. ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ހުރިހާ އެންމެންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދާ ދެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެއްވެސް މެއެވެ.