ކިޑް ޕްރޮޑަކްޝަން އާއި ސެޓާން ސްޓޫޑިއޯ ގުޅިގެން ގެނެސްދޭން ތައްޔާރުވަމުން އަންނަ ދިވެހި ފިލްމު "ކަމަނާ" ފިލްމު އަންނަ މަހުގެ 27 ވަނަ ދުވަހު ރިލީޒްކުރަން ނިންމައި ފިލްމުގެ ރަސްމީ ޕޯސްޓަރު ދައްކާލައިފިއެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ ފުންނާބު އުސް ބަތަލާ މަރިޔަމް އައްޒަ އަދި ޔޫސުފް ޝަފީއު (ޔޫއްޕެ) ؛ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ގެވެށި އަނިޔާގެ ހަގީގީ ހާދިސާތަކަކަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު ޑަައިރެކްޓްކޮށްފައިވާ މި ފިލްމުގެ އަނެއް ލީޑަކީ މަރިޔަމް ރަޝްފާ (އާޝާ) އެވެ.

ފިލްމު "ކަމަނާ"ގެ ރަސްމީ ޕޯސްޓަރާއެކު ވަނީ "އަނިޔާ ކުރުމާ އަހަރެން ދެކޮޅު" ނަމުގައި ކެމްޕޭނެއްވެސް ކުރިއަށް ގެންގޮއްސައެވެ. އިންސްޓަގްރާމް އާއި ޓިކްޓޮކްގައި ގެވެށި އަނިޔާ އާ ދެކޮޅަށް ވާހަކަ ދައްކާ ހޭލުންތެރިކުރުވުމުގެ ވީޑިއޯ ކްލިޕް ކޮޅުތަކެއް ނެރިފައިވެއެވެ. ގެވެށި އަނިޔާގެ ޝިކާރަޔަކަށް ވެފައިވާ އަންހެން ކުއްޖެއްގެ ވާހަކަ އަކަށް ބިނާކޮށް އުފައްދާފައިވާ “ކަމަނާ” އަކީ އައްޒަ އާއި ޔޫއްޕެ ފިލްމެއްގެ ބޮޑު ލީޑު ރޯލަކުން އެއްކޮށް ފެނިގެންދާ ފުރަތަމަ ފަހަރުވެސްމެއެވެ.

މިދިޔަ އަހަރު ސްކްރީނުގައި އެޅުވި ފިލްމު "ލޯބިވެވިއްޖެ" އަށްފަހު އައްޒަ މިއަހަރު ފެނިގެންދާ ފުރަތަމަ ފީޗާ ފިލްމު "ކަމަނާ" އަކީ ހުރިހާ ގޮތަކުންވެސް ތަފާތު ވާނެ ފިލްމެކެވެ. މި ފިލްމުގައި ހިތްގައިމު ލަވަތަކެއް ހިމަނާފައިވާއިރު އެ ލަވަތައް ކިޔައިދީފައިވަނީ މަރިޔަމް އަޝްފާ، ރާފިޔަތު ރަމީޒު އަދި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ.