ހދ. ނޭކުރެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސް އެއްގަމު ތޮށު ލުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީ އިން ބުނީ، ނޭކުރެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން އެއްގަމުތޮށި ލުމުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ލިބުމާއެކު، އެއްގަމުތޮށި ލުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި 22،323 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި، 6،806 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރީގެ ބަނދަރު އަލުން ފުންކުރުމާއި، 1،985 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުން ހިމެނެއެވެ. ހަމައެއާއެކު 366 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 212 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ވެސް ހިމެނެއެވެ.

މީގެ އިތުރުން 10 މީޓަރު ދިގު 9 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް ހެދުމާއި، 1،859 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމެންޓް އެޅުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިން ބޮއެ ހަރުކުރުން ހިމެނެއެވެ.

މި މަޝްރޫއަކީ ސަރުކާރުން 45.11 މިލިއަން ރުފީޔާއަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.