ކޮއްޓެއްގައި ބަޔަކު ބަންދުކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ދެ މީހަކު ކޮށްޓެއްގައި ބަންދުކޮށް އެމީހުންނަށް ގޯނާ ކުރާ މަންޒަރު ދައްކުވާދޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ދެ މީހަކު ކޮށި ތެރޭގައި ބައިތިއްބާފައި ތިބިއިރު ކޮށި ބޭރުގައި ހުރި މީހަކު ދިޔައީ ހޮޅިއަކުން އެ މީހުން ގަޔަށް ފެން ޖަހަމުންނެވެ.

ވީޑިއޯގައި ދެކެވޭ ވާހަކަތަކަށް ރިއާޔަތްކޮށް އެ މީހުން ކޮށީގައި ބަންދުކޮށްފައި ވަނީ ފައިސާ އާ ގުޅޭ މައްސަލައެއްގައި ކަމަށް ބެލެވެއެވެ. ވީޑިއޯއިން ފެންނަ ފެނުމަށް ބަލާއިރު އެއީ އާޓިފިޝަލް ބީޗްގައި ހުރި ކޮއްޓެކެވެ. އެއީ ދިވެހިން ކަމަށް، ދެކެވޭ ވާހަކަތަކުން ބެލެވުނު ނަމަވެސް މިއިން އެއްވެސް ކަމެއް މިހާތަނަށް ފުލުހުން ޔަގީންކޮށްދީފައި ނުވެއެވެ.

މި މައްސަލައާއި ގުޅިގެން "ދަ ޕްރެސް" އިން ފުލުހުންނާ ސުވާލު ކުރުމުން ބުނީ މި ވީޑިއޯ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތު އެ އިދާރާއިން ހިއްސާކޮށްފައި ނުވެއެވެ.

މީގެ ކުރިންވެސް އެކި މީހުންނަށް އަނިޔާ ކުރާ މައްސަލަތައް ސޯޝަލް މީޑިއާގައި ތިލަވެފައި ވެއެވެ. އަދި އެފަދަ މައްސަލަތައް ފުލުހުން ބަލަމުން ދާއިރު ދާދި ފަހުންވެސް ވަނީ މީހަކު ރަނީހުނުކޮށް އިނގިލި ބުރިކޮށްލި ކަމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރު ވެސް ކޮށްފައެވެ.

މި 3 މީހުންގެ މައްޗަށް ކުރެވެނީ ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގުން، ޖެހުން އަދި ހުއްދަ ނޫންގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ ތުހުމަތެވެ. މި ކުށްތަށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

އެގޮތުން ތަހުގީގު ބަޔާންތަކާއި ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓުތަކާއި އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ އަނިޔާތަށް ފެންނަ ފޮޓޯތަކާއި އިންޓެލިޖެންސް ރިޕޯޓް އަދި އެ ނޫން ވެސް ހެކި ހުށަހަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ވެއެވެ.