އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ބަޑީގެ ހަމަލާއެއްގައި އޭނާ ޒަހަމްވެޑައިގެންފިއެވެ.
އެމެރިކާގައި މިއަހަރުގެ ނޮވެމްބަރު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ޓްރަމްޕަށް ބަޑިން ހަމަލާ ދީފައިވަނީ އެމެރިކާގެ ޕެންސެލްވޭނިއާގައި ކުރިއަށް ދިޔަ ސިޔާސީ އެއްވުމެއްގައި ބައިވެރިންނާ މުހާތަބްކޮށް ވާހަކަ ދައްކަވަމުން ހުައްޓައެވެ.
ޓްރަމްޕަށް ހަމަލާ ދޭ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިރު ހަމަލާ ދޭ ވަގުތު ޓްރަމްޕް ތިރިވެވަޑައިގަންނަވާތަން ފެނެއެވެ. އެއަށް ފަހު އޭނާގެ ހަށި ފާރަވެރިން އޭނާ ވަށާ ލާއިރު ކަންފަތުން ލޭއަންނަތަން ވެސް ފެނެއެވެ. އަދި ޓްރަމްޕް އަތުގެ އިޝާރާތުން އޭނާއަށް މާބޮޑު ގެއްލުމެއް ނުވާކަން ދައްކަވާ އިރު ވަށައިގެން ގިނަ އަދަދެއްގެ ސަޕޯޓަރުން ތިބި މަންޒަރު ވެސް ފެނެއެވެ.
ހަމަލާއަށް ފަހު ޓްރަމްޕް ވިދާޅުވީ، ހަމަލާ އަމާޒުވީ އޭނާގެ ކަންފަތަށް ކަމަށާ ހަމަލާގެ ކުރިން ކަންފަތް ކައިރިން އަޑެއް އިވުން ކަމަށެވެ.
މި ހަމަލާ ދިން ފިރިހެން މީހާ ވަނީ އެއްވުމުގައި ހުރި އިތުރު މީހަކު މަރާލާ އެހެން ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ދީފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޓްރަމްޕްގެ ސެކިިއުރިޓީ އޮފިޝަލަކު ވަނީ ހަމަލާ ދިން މީހާ ބަޑި ޖަހާ މަރާލާފައެވެ.