ހ. ހުދުފިނިފެންމާގެއާގޭގެ އިން ފާރު ރޭނުމުގެ ސަބަބުން 8 މީހަކު ތާށިވެފައި ތިބެން ޖެހުނު މައްސަލައަކީ 2020ގައި ހުދުފިނިފެންމާގެ އިމާރާތް ކުރުމަށް ދިން ހުއްދައިގެ ދަށުން ހެދި ރަޖިސްްޓްރީގައި އެގެއަށް ވަދެ ނިކުމެވޭ ގޮތަށް ގޯޅިއެއް ކަނޑާފައި ނުވުމުން ދިމާވި މައްސަލައެއް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭގެ ގެއެއްގެ އިން ފާރު ރޭނުމުގެ ސަބަބުން އެގޭގައި ދިރިއުޅޭ މީހުންނަށް ނުނިކުމެވި 24 ގަޑި އިރު ވަންދެން ތާށިވެފައި ތިބެން ޖެހުނު މި މައްސަލައާ ގުޅިގެން މިއަދު މާލެ ސިޓީ ކައުންސިލުން ވަނީ ނޫސްވެރިންނަށް މައުލޫމާތު ހިއްސާކޮށްފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ވާހަކަ ދެއްކެވި ލޯޔަރު އަބްދުލް ހަކީމް ވިދާޅުވީ، އެންމެ ކުރީގައި ހ. ހުދުފިނިފެންމާގޭގެ ބޮޑު މިނަކީ 3970 އަކަފޫޓު ކަމަށާއި އެއަށް ފަހު އެ ގެ ވަނީ ދެބަޔަކަށް ބަަހައި، ކޮންމެ ބައެއްގައި 1985 އަަކަފޫޓު ހުންނާނެ ކަމަށެވެ. އޭރު އެގެ ބެހި ދެ ބައިގެ ތެރެއިން އެއް ބަޔަށް ކިޔަނީ ހުދުފިނިފެންމާގެ ކަމަށާއި ދެވަނަ ބަޔަށް ކިޔަނީ ހުދުފިނިފެންމާގެއާގެ ކަމަށް ލޯޔަރު ވިދާޅުވިއެވެ.
ހުދުފިނިފެންމާގެ އާގެއަށް 1985 އަކަފޫޓު ދީފައިވާ އިރު، އޭގެތެރޭގައި އެގެއަށް ވަދެ ނިކުތުމަށް ކަނޑާފައިވާ ގޯޅި ވެސް ހިމެނޭ ކަމަށް ލޯޔަރު ވިދާޅުވިއެވެ.
އެއަށް ފަހު ހުދުފިނިފެންމާގެ ވަނީ ދެބަޔަށް ބަހާފައި ކަމަށާއި އެއްބަޔަށް ކިޔަނީ ކުބުރާ ކަމަށާއި އަނެއް ބަޔަށް ކިޔަނީ ހުދުފިނިފެންމާގެ ކަމަށް ލޯޔަރު ވިދާޅުވިއެވެ. އެ ދެބައި ބަހާފައި ވަނީ ހަދީބީ މަގުން އެ ދެބަޔަށް ވެސް ވަދެވޭ ގޮތަށް ކަމަށް ލޯޔަރު ވިދާޅުވިއެވެ.
އެއަށްފަހު ހަސަން ޝާކިރާއި ހައްވާ އިބްރާހިމްގެ މައްޗަށް ރަޖިސްޓްރީކޮށްފައިވާ ހުދުފިނިފެންމާގެ ވަނީ އެ ދެމީހުންގެ މައްޗަށް ބަހާފައެވެ. ހަދީބީ މަގަށް ނިކުމެވޭ ގޮތަށް އެގެ އިން އިރު ހަސަން ޝަކިރުގެ ބައި ހަދީބީ މަގާ ވާ ގޮތަށް އިން އިރު، ހައްވާ އިބްރާހިމްގެ ބައި އިނީ ހަސަން ޝަކިރުގެ ބައިގެ ފަހަތަށެވެ. އެގެ ހެދި އިރު ވަނީ ހައްވާ އިބްރާހިމްގެ ބަޔަށް ވަދެވޭ ގޮތަށް ގޯޅިއެއް ނުކަނޑައި އެތަން ރަޖިސްޓްރީކޮށްފައި ކަމަށް ލޯޔަރު ވިދާޅުވިއެވެ.
ހަސަން ޝާކިރަށް ވަކި ރަޖިސްޓްރީއެއް މާލެ ސިޓީ ކައުންސިލުން ހަދައި ދީފައި ވަނީ 2020 ވަނަ އަހަރު ކަމަށާއި އެ ރަޖިސްޓްރީއަކީ އިމާރާތްކުރުމުގެ ހުއްދަ ދިނުމަށް ހަދާފައިވާ ރަޖިސްޓްރީއެއް ކަމަށް ލޯޔަރު ވިދާޅުވިއެވެ. ހައްވާ އިބްރާހިމްގެ ބަޔަށް ނުވަދެވޭ ގޮތް ވެފައި މި ވަނީ މާލެ ސިޓީ ކައުންސިލުން 2020 ގައި ހެދި އެ ވަކި ރަޖިސްޓްރީގެ ސަބަބުން ކަމަށް ލޯޔަރު ފާހަގަ ކުރެއްވިއެވެ.
މާލެ ސިޓީ ކައުންސިލްގެ އުސޫލަށް ބަލާއިރު، ގޯއްޗެއް ބަހާއިރު އެ ގޯއްޗެއްގެ އިމުން ގޯތިން ބަހާ ބައިބަޔަށް ވަންނަން ގޯޅިއެއް ކަނޑަން ޖެހެއެވެ. އެކަން ކޮށްފައި ނުވާތީ ހައްވާ އިބްރާހިމް އަށް ލިބުނު ބައިން އޭނާ ވަދެ ނިކުމެ ހަދަމުން އަންނަނީ އެގޭގެ ބިއްދަށް ފަރާތުން ަނޑާފައިވާ ވައިގޮޅިއާ ދިމާލުން ހުރި ދޮރަކުން، ހުދުފިނިފެންމާގެއާގެއަށް ވަދެ ނިކުމެ ހަދާ ގޯޅިންނެވެ.
ހުދުފިނިފެންމާގެއާގޭގެ އިން ފާރު ރޭނުމަށް އެދުމުން އެ ހުއްދަ މާލެ ސިޓީ ކައުންސިލުން ދެމުން ވަނީ ހުދުފިނިފެންމާގޭގެ މީހުންނަށް (ހައްވާ އިބްރާހިމްމެން ގޭ މީހުން) ހުދުފިނިފެންމާގެއާގޭގެ އިމުގެ ތެރެއަށް ވަދެ ނިކުމެ ހަދާތީ ޝަކުވާ ކުރާ ވާހަކަ ހިއްސާ ކޮށްފައި ކަމަށް ލޯޔަރު ވިދޅުވިއެވެ. އަދި ހައްވާ އިބްރާހީމް އަށް ސިޓީއަކުން އެކަން އަންގަފާއިވާނެ ކަމަށް ވެސް ލޯޔަރު ވިދާޅުވިއެވެ.
އިންފާރު ރޭނުމަށް ހުދުފިނިފެންމާގެއާގެ އިން އުޅުނު އިރު އެކަން މާލެ ސިޓީ ކައުންސިލަށް ނުހުއްޓުވޭނެ ކަމަށް ލޯޔަރު ވިދާޅުވިއެވެ. އެގޭގެ އިން ފާރު ރާނަން ފެށުމުން ހައްވާ އިބްރާހިމް މައްސަލަ ޖެއްސި ކަމަށާއި ހުދުފިނިފެންމާގެއާގެ އިން ފުލުހުންނާ ގުޅިގެން ވަނީ ހައްވާ އިބްރާހިމަށް 4 ހަފްތާއެއްހާ މުއްދަތެއް ވެސް ދީފައި ކަމަށް އެ ލޯޔަރު ވިދާޅުވިއެވެ.
ހަސަން ޝާކިރުގެ ބައިން ހައްވާ އިބްރާހިމްގެ ބަޔަށް ވަދެ ނިކުމެވޭ ގޮތަށް ގޯޅިއެއް ކަނޑަން ޖެހޭނެ ކަމަށާއި އެކަން ކުރުމަށް 4 ހަފްތާ ދިން އިރު ވެސް އެކަން ނުކުރެވި އޮތްކަން މި އެނގުނީ އެގޭގެ އިންފާރު ރާނައި ހައްވާ އިބްރާހިމްގެ އާއިލާއަށް އެތަނުން ނުނިކުމެވި މި މައްސަލަ ދިމާވުމުން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.
އެހެންކަމުން މި މައްސަލަަ ދިމާވެފައި މި ވަނީ 2020 ވަނަ އަހަރު އިމާރާތް ކުރުމުގެ ހުއްދައިގެ ދަށޫން މާލެ ސިޓީ ކައުންސިލުން ހަސަން ޝާކިރަށް ހަދައިދިން ރަޖިސްޓްރީގެ ސަބަބުން ކަމަށާއި އެ ރަޖިސްޓްރީގައި ހައްވާ އިބްރާހިމްގެ ބަޔަށް ވަދެ ނިކުމެވޭ ގޮތަށް ގޯޅިއެއް ކަނޑަން ޖެހޭނެ ކަމަށް ލޯޔަރު ފާހަގަ ކުރެއްވިއެވެ.
އޭގެގައި ތާށިވެފައި ތިބި މީހުން ނެރުމަށް ސިޓީ ކައުންސިލުން ފުލުހުންނާ އެކު ގޮސް ވަނީ ހަސަން ޝަކިރުގެ ގެއިން ގޯލި ކަނޑަން ޖެހޭ ދިމާލުން ފާރު ތަޅާލައިގެން އެތެރެއަށް ވަދެ އެމީހުން ނެރެފައެވެ. މިކަން މިހެން ކުރުމުން ހަސަން ޝާކިރު ވަނީ އެތަން ތަޅާލުމުން އޭނާއަށް ލިބުނު ގެއްލުމުގެ ޝަކުވާ ހުށަހަޅާފައި ކަމަށް ލޯޔަރު ވިދާޅުވިއެވެ. މިކަމަށް ވެސް އަވަސް ހައްލެއް ހޯދުމަށް މާލެސިޓީ ކައުންސިލްގެ މޭޔަރު މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ލޯޔަރު ވިދާޅުވިއެވެ.
އަދި މަޝްވަރާ ކުރުމަށް ފަހު އެ ދެގޭގެ ވެރިންނާ ބައްދަލުކޯށްގެން ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށާއި ހައްލެއް ނުލިބިއްޖިއްޔާ މި މައްސަލައިގައި ކޯޓު މެދުވެރިކޮށް ހައްލެއް ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.