އިއްޒުއްދީން ސްކޫލްގައި ރެނދެއް ލައިފައިވުމާ ގުޅިގެން އެ ސްކޫލު ހުސްކޮށް އެ ސްކޫލްގައި ކިޔަވާ ދަރިވަރުން މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރަން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިއްޒުއްދީން ސްކޫލްގައި ކިޔަވާ ހުރިހާ ކުދިން، އެ ސްކޫލް ކުރިމަތީގައި ހުންނަ ދަރުމަވަންތަ ސްކޫލްގެ އެކި ކްލާސްތަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށާއި ނަމަވެސް ދަރުމަވަންތަ ފިޔަވައި އެހެން ސްކޫލަކަށް ކުދިން ބަދަލުކުރަން ބޭނުންވާ ބެލެނިވެރިންނަށް އެ ފުރުސަތު ދޭނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސްކޫލްގައި ކިޔަވައި ދިނުން މި އަހަރު ހުއްޓާލަން ނިންމާފައިވާކަން މިހާރު އަންނަނީ އެކި ކުލާސްތަކުގެ ކުދިންގެ ބެލެނިވެރިންނާ ބައްދަލުކޮށް އަންގަމުންނެވެ. ސްކޫލްގެ މެނޭޖުމަންޓުން އިއްޔެ ބައެއް ބެލެނިވެރިންނާ ބައްދަލުކޮށްފައިވާއިރު، ބައްދަލުވުންތަކަށް ނުދެވޭ ބެލެނިވެރިންނާ މާދަމާ ބައްދަލުކުރާނެ ކަން ވަނީ އެނގިފައެވެ.

ކުރީގެ އެމްއީއެސް ހިންގި އަދި މިހާރުގެ އިއްޒުއްދީން ސްކޫލު ހިންގަމުންދާ އިމާރާތުގެ 3 ވަނަ ފަންގި ފިލާގައި ރެނދެއްލުމާ ގުޅިގެން އެ ސްކޫލުގައި ކުދިން ކިޔެވުން ރައްކާތެރިތޯ ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެސެސްމެންޓެއް ހަދާފައެވެ. މި އެސެސްމެންޓުގެ ރިޕޯޓުން ވަނީ އިއްޒުއްދީން ސްކޫލްގެ އިމާރާތަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށާއި އެ އިމާރާތް ދިގު މުއްދަތަކަށް ދެން ބޭނުންކުރެވޭނީ ބޮޑު މަރާމާތަކަށް ފަހުގައި ކަމަށް ދައްކާފައެވެ. މި އެސެސްމެންޓު އެޑިއުކޭޝަން މިނިސްޓްރީން ހަދާފައިވަނީ އިންސްފާރްސްޓްރަކްޗާ މިނިސްޓްރީގެ އިންޖިނިއަރުން މެދުވެރިކޮށް މިދިޔަ މަހު އެވެ.

އިއްޒުއްދީން ސްކޫލަކީ މާލޭގައި އެއްދަންފަޅިއަށް ކިޔަވައިދޭން ފެށި ފުރަތަމަ ސްކޫލަށްވާއިރު، އެ ސްކޫލުގައި އެންމެ ފުރަތަމަ ކިޔަވައިދޭން ފެށީ ގްރޭޑް އެކަކުން ފެށިގެން 6 އާ ހަމައަށެވެ. މިއަހަރު ވަނީ އެސްކޫލުގައި ގްރޭޑް 10 ކިޔަވައިދޭން ފަށާފައެވެ.

އެ ސްކޫލް ނިސްބަތްވަނީ ރާއްޖެ ހޮޅީންގެ ކިބައިން ސަލާމަތް ކުރެއްވި އައްސުލްތާނުލް ގާޒީ ހަސަން އިއްޒުއްދީން ސިރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ އާންމު ނަމުންނަމަ ދޮންބަންޑާރައިންނަށެވެ.