އަރަބިއްޔާ ސްކޫލްގެ އިމާރާތް ބާވެފައި ވުމުން އެ ސްކޫލްގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރާތީ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފިއެވެ.
އަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ބެލެނިވެރިން މިއަދު ރައީސް އޮފީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، އެ ސްކޫލްގެ އިމާރާތުގެ ތަންތަނުގައި ރެނދުއަޅައި ކޮންކުރީޓް ބައިތައް ވެއްޓޭ ހިސާބަށް ގޮސްފައިވާ މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީން ގޮތެއް ނިންމާފައިވާ ކަމަށާއި އެކަމަކީ ބެލިނިވެރިންގެ ވިސްނުމާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެ ސްކޫލްގެ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރަމުން ދާ ކަން ފާހަގަކޮށް އެ ސިޓީގައި ބުނެފައި ވަނީ އެކަމާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށެވެ.
އެހެންކަމުން ރައީސް ސޯލިހާއި ބެލެނިވެރިން ބައްދަލު ކުރަން ބޭނުންވާ ކަމަށާއި އެ އިންތިޒާމް ވީހާވެސް އަވަހަކަށް ހަމަޖައްސައި ދިނުމަށް އެދޭ ކަމަށް އެ ސީޓީގައި ބުނެފައި ވެއެވެ.
އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ލިބިފައިވާ ގެއްލުންތަކުގެ ވާހަކަ ދައްކާ އިރު، އިމާރާތުގައި ހުރި ގިނަ ތަނބުތަކުގައި ހުރީ ބޮޑެތި ރެންދުތަކެއް ލައި އަދި ބައެއް ރެނދުތައް ވަރަށް ބޮޑަށް ހުރީ ފޭވެފައެވެ. ރެނދުލާފައި ހުރި ބައެއް ތަންތަނުން ކޮންކްރީޓް ގަނޑުތައް ނެއްޓިފައި ހުރި އިރު އެތަނުގައި ކިޔަވަމުންދާ ދަރިވަރުންނަށް ލިބިދާނެ ގެއްލުމަކާ މެދު ބެލިވެރިން ކަންބޮޑުވެއެވެ. ފާރާއި ތަނބުތަކުގެ އިތުރުން އެ އިމާރާތުގެ ތަޅުމުގައި ވެސް ވަރަށް ބޮޑަށް ހުރީ ރެނދުލާފައެވެ.
1000 އެއްހާ ދަރިވަރުން ކިޔަވަމުންދާ އަރަބިއްޔާ ސްކޫލްގެ އިމާރަތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެ ކުދިން ބައްދަލު ކުރަން އެޑިއުކޭޝަން އިން ހަމަޖައްސާފައިވާ އިއްޒުއްދީން ސްކޫލަކީ ހަތަރު ބުރީގެ އިމާރާތެއް ހުންނަ މި ވަގުތު 300 އެއްހާ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލެކެވެ. އަދި އެ ސްކޫލްގައި މި ވަގުތު ކިޔަވައިދެނީ ގްރޭޑް 1-6 އަށް ކަމަށް ވާއިރު އަރަބިއްޔާ ސްކޫލަކީ ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ.
މިހާރު އިއްޒުއްދީން ސްކޫލުގައި ހުންނަނީ 20 ކްލާސް ރޫމް ކަމަށް ވާއިރު އަރަބިއްޔާ ދަރިވަރުން އެ ސްކޫލަށް ބަދަލު ކޮށްފި ނަމަ ޖާގައިގެ ދަތި ކަމަކީ ކުރިމަތިވާނެ އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި ބެލެނިވެރިން ސިފަ ކުރެއެވެ. މީގެ އިތުރުން އިންގްލިޝް މީޑިއަމްކޮށް ކިޔަވައިދޭ ސްކޫލަކަށް އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލެއްގެ ދަރިވަރުން ބަދަލު ކުރުމުން ދިމާވާނެ ގޮންޖެހުންތަކަކީ ވެސް ބެލިވެރިނގެ ހުރި ކަންބޮޑުވުން ތަކެވެ.
މި ކަމާ ގުޅިގެން އަދި އެޑިއުކޭޝަންގެ ބަހެއް ނުލިބެއެވެ.
މިހާރު އަރަބިއްޔާ ހިންގާ އާ އިމާރާތް އެއްކޮށް ނިމުމުން އެ ތަނަށް ދަރިވަރުން ބަދަލުވީ ޖެނުއަރީ، 2013 ގަ އެވެ. އެކަމަކު އިމާރާތަށް މާގިނަ ދުވަސްތަކެއް ނުވެ އެތަނުގެ ތަނބުތަަކުގައި ރެނދުލާފައި ހުރިއިރު އެޑިއުކޭޝަން މިނިސްޓްރީގެ ވިސްނުން ހުރީ ދިގު މުއްދަތަކަށް އެ އިމާރާތް ބޭނުން ކުރެވޭނެ ގޮތަށް މަރާމާތު ކުރާށެވެ. އަދި އެކަމަށް ބޭނުންވާ ސްޓްރަކްޗަރަލް އެސެސްމަންޓުގެ އަމަލީ މަސައްކަތް މިހާރު ވަނީ އެ މިނިސްޓްރީން ފަށާފައެވެ.
އެކަމަކު ދެން ވަގުތުން ވަގުތުން ސްކޫލެއް ނޭޅޭނެތާ. އިސްލާމީ މަރުކަޒު ފެންޑާގަ ކިޔަވައިދިނުން ރަނގަޅުވާނެ.
ތިޔަ ސުކޫލު އިމާރަތް ކުރީ 5 އަހަރުން ބޮލަށް ވެއްޓޭގޮތަށް ތޯ އަދި ތިޔަ އިމާރަތް އެޅުމަށް ދައުލަތުން ކިހާ ފައިސާއެއް ހަރަދު ކުރިތޯ ނުބަލަންތޯ. ބޮޑެތި ވެރިންގެ ދަރިން ރާއްޖޭން ބޭރު ބޮޑެތި ސުކޫލުތަކުގައި ކިޔަވަނީ މިފަދަ ހަރާމް ކޮރަޕްޓް ފައިސާ ހަރަދު ކޮށްގެންނެވެ. އެމީހުންގެ ދަރިންގެ ބޮލަކަށް ކޮންކްރީޓެއް ނުފާބާނެ އެއްނޫންތޯ.. ﷲ ތައާލާދެކެ ބިރު ނުގަންނާތީ އެވެރިން މިފަދަދެރަ ނިކަމެތި ރައްޔިތުންނަށްދެނީ.. ވިސްނާ ފިކުރު ކޮށްލައްވާ
އެކަމު މިނިސްޓަރު ވިދާޅުވިޔެއްނު މަޖްލީސްގައި އަރަބިއްޔާ އިމާރާތުގައި ކިޔަވައިނުދެވޭ ވަރެއްނުވެޔޭ ދަރިވަރުންނަށާއި މުދައްރިސުންނަށް ބިރުވެރިކަމެއްނެތޭ... މިހާރު ޕޮއް އެސެސްމަންޓް ހެދީމާ މިވީކިހިނެތް. މިވެރިންނަށް ތަޢުލީމު ކިޔަން އެނގޭބާ.. ދެއިރު ދެދަޅަޔަށް ފޮޓޯ ލެވޭތޯ ބަލާ. އެކަން ކުރެވެޔެއްނު.