ހައިވޭގައި ހުރި ސޯލާ ޕެނަލްތަކުގައި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހައިވޭ ސޯލާ ޕެނަލްތަކުގައި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު ހެނދުނު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ކާރުތައް ކޮންޓްރޯލު ނުވެ ގޮސް ބްރިޖް ހައިވޭގައި ހުންނަ ސޯލާ ޕެނަލްތަކުގައި ޖެހި މީގެ ކުރިން ވެސް ވަނީ އެތައް އެކްސިޑެންޓެއް ހިނގާފައެވެ. އަދި މި އެކްސިޑެންޓުތަކުގައި މީހުންނަށާއި ކާރަށް ވެސް އެކިވަރުގެ ގެއްލުންތައް ވެފައިވެއެވެ.

ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ނަގައި ސޯލާ ޕެނަލްތައް ހަރުކޮށްގެން ހަކަތަ އުފައްދަން ހާއްސަކޮށް ދެ ރަށެއް ހަދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.