އުރީދޫ މޯލްޑިވްސް އިން ފުޓުބޯޅަ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ލެޖެންޑް ޖޭޖޭ އޮކޯޗާ ގެ ހާއްސަ މީޓް އެންޑް ގްރީޓް ސެޝަނެއް ބާއްވައިފި އެވެ.
ޖުލައި 8، 2024 ގައި ބޭއްވި މި ހަރަކާތުގައި އުރީދޫ ޓީމުގެ މެމްބަރުންނާއި ވަޒީރުންނާއި ސިޓީގެ އޮފިޝަލުންނާއި ފުޓްބޯޅަ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކާއި ގައުމީ ޓީމުގެ މިހާރުގެ އަދި ކުރީގެ ކެޕްޓަނުންނާއި ކުޅިވަރު ނޫސްވެރިން ވަނީ ބައިވެރިވެފަ އެވެ.
މި ހާއްސަ ބައްދަލުވުމުގައި ޖޭޖޭ އޮކޯޗާގެ އާދަޔާ ހިލާފު ކެރިއަރާއި ފުޓުބޯޅައަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކޮށް އޭނާއާއެކު ހިޔާލުބަދަކޮށް، ވާހަކަދެއްކުމުގެ ފުރުސަތު އުރީދޫއިން ވަނީ ފަހިކޮށްދީަފައެވެ. މި ހަރަކާތުގެ ތެރޭގައި ދިވެހިރާއްޖޭގައި ފުޓުބޯޅައަށް އޮތް އޮތް ލޯތްބާއި، ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ވާހަކަތައްވެސް ވަނީ ހިއްސާކޮށްފައެވެ.
މި ހާއްސަ ސެޝަންގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވާހަކަ ދައްކަވަމުން ވިދާޅުވީ މިކަހަލަ އިވެންޓެއްގައި ކުޅިވަރުގެ ޝަހުސިއްޔަތުންނާއި ކުޅިވަރަށް ލޯބިކުރާ ގިނަ ބަޔަކު އެއްތަނަކަށް ގެނައުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އުރީދޫގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން އާއި ގުޅިގެން އުރީދޫއިން ޖޭޖޭ އޮކޯޗާ ރާއްޖޭ ގެނެސް ކުޅިވަރާއި މުޖުތަމައުގެ ބައިވެރިވުން ކުރިއެރުވުމަށް އެ ކުންފުނިން ކުރާ މަސައްކަތައް ފާހަގަކުރެވެއެވެ. މި މީޓް އެންޑް ގްރީޓް ހަރަކާތަކީ ޖޭޖޭ އޮކޯޗާގެ ދަތުރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ.
މީގެ އިތުރުންވެސް ޖޭ-ޖޭ އޮކޯޗާ ބައިވެރިވާ ތާރީހީ ފުޓްސަލް މެޗެއް މާލޭގެ ގަލޮޅު ދަނޑުގައި ވަނީ ބާއްވާފައެވެ. މި މެޗްގައި ޖޭޖޭ އޮކޯޗާއާއެކު ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގެންފައި ވާ އިރު، "ޕްލޭ ފުޓްސަލް ވިތު އޮކޯޗާ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ސޯޝަލް މީޑިއާ މުބާރާތުން ހޮވުނު ތިން ނަސީބުވެރިން ވެސް ވަނީ މި މެޗްގައި ބައިވެރިވެފައެވެ.