އުމުރުން 19 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތްތަކަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖް އާސަންދައިން ތައާރަފް ކޮށްފިއެވެ.
ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އެގޮތުގެ މަތިން 01 ޖެނުއަރީ އިން ފެށިގެން އުމުރުން 50 އަހަރަށް ވުރެ މަތީގެ މީހުންނަށް އެ ހިދުމަތް ލިބުމުގެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާދީފައެވެ. އަދި ހަމައެހެންމެ އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި 40 އަހަރުން މަތީގެ މީހުންނަށް މިދިޔަ އޭޕްރީލް މަހު ވަނީ އެ ފުރުސަތު ފަހިކޮށްދީފައިވާއިރު 40 އަހަރުން މަތީގެ އުމުރު ފުރާތަކަށް ހާއްސަކޮށް ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައްވެސް އެކުލެވެއެވެ.
މީގެ އިތުރުންވެސް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާފައިވާ ގްރޭޑްތަކުގެ ސްކޫލް ދަރިވަރުން ހަދަން ޖެހޭ ހާއްސަ ޓެސްޓްތައްވެސް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމްތައްވެސް އާސަންދައިން ވަނީ ހަމަޖައްސާދީފައެވެ.
މެޑިކަލް ޗެކަޕްގެ ކަންކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެ ކުންފުނިން މިއަދު ބުނީ ކޮންމެ ދިވެހި ރައްޔިތަކަށް އާސަންދަ ސްކީމުގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކްއަޕް ހެދުން ތަންފީޒު ކުރުމަށް ފަށާފައިވާ ސިޔާސަތާ އެއްގޮތަށް، 19 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނަށް މިއަދުން ފެށިގެން އެ ހިދުމަތް ލިބޭނެ ކަމަށެވެ.
މި ޕެކޭޖްތައް އެކުލަވާލާފައިވަނީ ގައިންގަޔަށް ނާރާ ނުވަތަ ދިގުމުއްދަތަކަށް ފަރުވާކުރަންޖެހޭ ބޮޑެތި ބަލިތައް ދެނެގަނެވޭނެފަދަ ގޮތްތަކަށް ކަމަށާއި އެ ހިދުމަތް ތަންފީޒުކުރަން ފެށުމަށްފަހު މުރާޖައާ ކުރަންޖެހޭ ކަމަށް ފާހަގަކުރެވޭނަމަ ފަންނީ ބޭފުޅުންގެ އިރުޝާދާއެކު ޕެކޭޖްތައް މުރާޖައާކުރެވޭނެ ކަމަށެވެ.
އެންސްޕާއިން ބުނީ ސަރުކާރުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތައް މެދުވެރިކޮށް އެ ހިދުމަތް ފޯރުކޮށްދިނުމުށްޓަކައި ސިއްހީ ވުޒާރާ އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލް އާއެކު މަސައްކަތްކުރެވިފައިވާ ކަމަށާއި ސަރުކާރުގެ ހުރިހާ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް މެދުވެރިކޮށް މެޑިކަލް ޗެކަޕްގެ ހިދުމަތް ލިބިދެވޭނެ ކަމަށެވެ.