ކޮލެޖުތަކަށް ޔުނިވާސިޓީގެ ދަރަޖަ ދިނުމުގައި ބަލާ މުއްދަތު ދަށްކުރުމަށް ވުރެ އެ ތަންތަނުގެ ފެންވަރު ރަނގަޅުކުރުން މުހިންމުކަމަށް، ބައެއް މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.

މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ކޮލެޖުތައް ޔުނިވާސިޓީއަކަށް ބަދަލުކުރުމުގައި މުހިންމީ ކޮލެޖުތަކުން ފޯރުކޮށްދޭ ކޯސްތަކުގެ ކޮލިޓީ އާއި އެމްކިއުއޭއިން ބަލާ މިންގަނޑުތައް ހަރުދަނާކޮށް، ކޮލެޖުތަކުން ދިރާސާކޮށް، އިލްމީ ދިރާސާތައް ޝާއިއުކޮށްފައިވާ މިންވަރަށް ބެލުން ކަމަށެވެ.

މައުރޫފް ވިދާޅުވި ގޮތުގައި، މަތީ ތައުލީމް ހާސިލްކުރުމުގެ ބޭނުން ފުދޭތޯ މިއަދު ސުވާލު އުފައްދަން ޖެހެއެވެ.

"އެހެންވީމާ މިފަދަ ގާނޫނަކަށް އިސްލާހު ގެންނައިރުގަ ކޮލެޖް ޔުނިވާސިޓީގެ ކޮލިޓީ، ނުވަތަ ފެންވަރު އިތުރަށް ރަނގަޅުކުރުމާއި، އެ ކޮލެޖު ޔުނިވާސިޓީތަކުން ކިޔަވައި ނުކުމެގެންދާ ދަރިވަރުންނަށް އެ ދަރިވަރުން ކިޔެވި އެއްޗެއްގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ދިވެހި ގައުމަށް އޭގެ ފައިދާކުރަނިވި ގޮތަކަށް ބޭނުންކުރުމުގެ ފުރުސަތު ދިނުމަކީ މުހިންމުކަމެއް ކަމުގައި ދެކެން،" މައުރޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މީގެ އިތުރުން ސެޓްފިކެޓުތަކަށް ދޭން ޖެހޭ އިނާޔަތްތައް ދިނުން ވެސް މުހިންމުކަމަށެވެ.

އެ ބިލަށް ދެން ބަހުސްކުރެއްވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވިދާޅުވީ، ކޮލެޖުތަކުން ދޭ ހިދުމަތްތައް ރަނގަޅުކޮށް އެ ތަންތަނުން ހިންގާ ކޯސްތައް ރަނގަޅު ފެންވަރެއްގައި ހެދެން ހުރުމަކީ ދަރިވަރުންގެ ފެންވަރަށް ހެޔޮ ބަދަލުތައް އަންނާނެ ކަމެއް ކަމަށެވެ

"މި ގާނޫނު އިސްލާހުކުރާއިރު އެންމެ މުހިންމު ކަމެއް ދޭން ޖެހެނީ ފެންވަރު ހިފެހެއްޓުމަށް ކުރެވޭނެ ކަންތައްތަކަށް،" މުހައްމަދު ވިދާޅުވިއެވެ.

އެހެން މެންބަރުންނެކޭ އެއްގޮތަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު ފާހަގަކުރެއްވި ގޮތުގައި، ކޮލެޖުތަކުގެ ތައުލީމީ ފެންވަރު ރަނގަޅުކޮށް، މުހިންމު ދާއިރާތަކަށް ކޯސްތައް އަމާޒުކުރެވޭ ގޮތަށް ގާނޫނު މުރާޖައާކުރަން ޖެހެއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މުހިންމު ވަޒީފާތަކަށް އަމާޒުކޮށް ފެންވަރު ރަނގަޅު ކޯސްތައް ހިންގައި، އެ ވަޒީފާތައް ދިވެހިންނަށް ފޯރުކޮށްދެވިގެން ނޫނީ އިޖުތިމާއީގޮތުންނާއި އިގްތިސޯދީ ގޮތުން ރާއްޖެ ކުރިއެއް ނާރާނެއެވެ.

"ދިވެހިރާއްޖޭގަ ހަގީގަތުގަ ވެސް އެންމެ ބޭނުންވާ ދާއިރާތަކަކަށް އަޅުގަނޑުމެން އަދިވެސް ހިތަށް އަރަނީ ބޭނުންވާ އަދަދަށް މީހުން ތަމްރީނުކުރެވިއްޖެ ބާއޭ،"
ހުސައިން ހަމީދު | ކުޑަހުވަދޫ ދާއިރާ

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވީ، ކޮލެޖުތަކަށް ޔުނިވާސިޓީއެއްގެ ދަރަޖަދޭ މުއްދަތު ދަށްކުރުމަށް ވުރެ، ޔުނިވާސިޓީއެއްގެ ފެންވަރަށް ކޮލެޖުތައް ކުރިއަރާފައިވޭތޯ ޔަގީންކުރުން މުހިންމުކަމަށާއި، ގާނޫނަށް އަމަލުކުރަން ފެށުމުން، ބޭރުގެ ކޯސްތައް ހިންގުމުގެ ބަދަލުގައި އެ ތަންތަނުން އަމިއްލަ ކޯސްތައް ވަކި އަދަދަކަށް ހިންގެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ޔުނިވާސިޓީއެއް ޔުނިވާސިޓީއެއްގެ ގޮތުގައި ގާއިމްވެގެން ދާއިރު، ބޭރުގެ ކޯސްތަކަށް ވުރެ އެބައެއްގެ އަމިއްލަ އަމިއްލަވަންތަ އަމިއްލަ އުފެއްދުންތަކެއް، އަމިއްލަ ކޯސްތަކެއް ހުންނަން ޖެހޭނެ ކަމަށް އަޅުގަނޑު މި ގަބޫލުކުރަނީ،" އޭނާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ، ކޮލެޖުތަކުގައި ވަކި އަދަދަކަށް ދާއިމީ ލެކްޗަރާއިން ތިބެން ޖެހޭނެ ކަމަށާއި، ކޮލެޖުތަކުގެ ވަސީލަތްތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ ވަކި ފެންވަރެއްގައި ހިފެހެއްޓިފައި ހުންނަން ޖެހޭނެ ކަމަށެވެ.

މި ބިލަށް ބަހުސްކުރެއްވި ގިނަ މެންބަރުން ވަނީ ބިލަށް ތާއީދުކުރައްވައި، ކޮމިޓީ މަރުހަލާގައި މަޝްވަރާކުރުމަށް ފަހު ބިލަށް ބަދަލު ގެނެސްގެން ފާސްކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.