ގައުމެއްގެ ކުރިއެރުމާ ކާމިޔާބީ ދެމެހެއްޓުމަށްޓަކައި، ނަޒާހަތްތެރިކަމާ އަމާނާތްތެރިކަން ވަރަށް މުހިންމުކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށާއި އެކޮމިޝަނުގެ "ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމަންޓް ޓޫލްކިޓުގެ ޑިޖިޓައިޒް ޕްލެޓްފޯމް" ރަސްމީކޮށް އިފުތިތާހްކުރުމަށް ރޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ ތަރައްގީ ހުއްޓި، ފުދުންތެރިކަން ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ކޮރަޕްޝަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ފަށްޓަވާފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު، މަގާމުގެ ހުވައިކުރައްވައި ދެއްވި ފުރަތަމަ ރިޔާސީ ތަގްރީރުގައި، މިދިޔަ އަހަރުގެ ނޮވެންބަރުމަހު 17 ވަނަ ދުވަހު ރައްޔިތުންނަށް ދެއްވި އެންމެ ބޮޑު އެއް ޔަގީންކަމަކީ އެދުވަހުން ފެށިގެން ސަރުކާރުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުން މުޅީން ހުއްޓުނީކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ މިއީ ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރެއްވުމަށް އެމަނިކުފާނު އެޅުއްވި މުހިންމު ފިޔަވަޅު ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ކޮރަޕްޝަނަށް މަގުފަހިވާ މައްސަލަތަކަށް ތަހްގީގުކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން އިސްކަންދެއްވާ ފަދައިން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތަށާއި ހާއްސަކޮށް ސްކޫލުކުދިންނަށް އަމާޒުކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ހިންގެވުމަށް އިސްކަންދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިހަފުލާގައި ނައިބު ރައީސް ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ "ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމަންޓް ޓޫލްކިޓުގެ ޑިޖިޓައިޒް ޕްލެޓްފޯމް" އިފުތިތާހް ކޮށްދެއްވާފައެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހިދުމަތްކުރާތާ 30 އަހަރުވެފައިވާ ދެ މުވައްޒަފަކަށް އެ ކޮމިޝަނުގެ ފަރާތުން ދެއްވި "ސާވިސް އެވޯޑް" އެ ދެބޭފުޅުންނާ ހަވާލުކޮށްދެއްވާފައެވެ.