ވިޔަފާރި އާއި އިންވެސްޓްމަންޓާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމެރިކާއަށް ފުރާ ވަޑައިގެންފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި މިނިސްޓަރުގެ މި ދަތުރުގެ ބޭނުމަކީ ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމެވެ.
ސައީދުގެ މިދަތުރުގައި ޓްރޭޑް ރެޕުންނާއި، އެމެރިކާގެ ޗެމްބާ އޮފް ކޮމާސްގެ މެންބަރުންގެ އިތުރުން ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ ބޭފުޅުންނާ ބައްދަލު ކުރައްވާނެއެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އެ މިނިސްޓްރީން ހިއްސާކޮށްފައި ނުވެއެވެ.
ދާދިފަހުންވެސް ސައީދު ވަނީ ވިޔަފާރީގެ މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. ކޮމަންވެލްތު ޓްރޭޑް އެންޑް އިންވެސްޓްމަންޓް ރައުންޑް ޓޭބަލްގައި ބައިވެރިވެ ވަޑައިގަތުމަށް މިދިޔަ މެއި މަހު ކުރެއްވި އެ ދަތުރުގައި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އާ ޑިވެލޮޕްމަންޓް ބޭންކް ތަރައްގީ ކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
އަދި އިނގިރޭސިވިލާތުގެ މާލީ ހިދުމަތްދޭ ކުންފުނިތަކާއެކު ރަސްމީ މަސައްކަތުގެ ގުޅުން ގާއިމުކޮށް, ގާނޫނީ އޮނިގަނޑު ޒަމާނީ ކުރުމުގެ އިތުރުން މާލީ ދާއިރާގެ އިންފްރަންސްޓްރަކްޗާގެ އިތުރުުން ބައިނަލްއަގްވާމީ މާލީ މަރުކަޒުތައް ގާއިމު ކުރުމަށްޓަކައި ޒަމާނީ އަދި ދުނިޔޭގެ ފެންވަރުގެ ގަވަނަންސް، ސްޓްރެޓެޖީ އެންޑް އޮޕަރޭޝަންސް ފްރޭމްވޯކެއް އެކުލަވާލުން ހިމެނެއެވެ.
މީގެ އިތުރުންވެސް މި ދަތުރުގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ އޮފިޝަލުންނާއި ހައުސް އޮފް ލޯޑްސްގެ އިތުރުން އެ ގައުމުގެ ފައިނޭންޝަލް އެންޑް ޕްރޮފެޝަނަލް ސާވިސަސް އިންޑަސްޓްރީގެ މަންދޫބުންނާ މިނިސްޓަރު ވަނީ ބައްދަލު ކުރައްވާފައެވެ.
އަދި މިދިޔަ ޖޫންމަހުވެސް މިނިސްޓަރު ވަނީ ޗައިނާގެ އެންމެ ބޮޑު ބޭންކް ކަމަށްވާ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ) އާއެކު މުހިންމު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.
އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ޖެނުއަރީ މަހު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީޖީ ޕިން އާ އެކު ކުރެއްވި މަޝްވަރާތަކަށް އަމަލީ ސިފަ ގެނައުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ މުހިންމު މަޝްވަރާތަކެއް ކަމަށް ބުނެއެވެ.
މިކަހަލަ ދަތުރުތައް ކޮށްގެން މިވީހާތަނައް އެއްވެސް ނަތީޖާއެއް ލިބިފާވޭތޯ