ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަންޖެހޭ މިންވަރު މަދުވުމަކީ ފަނޑިޔާރުންގެ ސުލޫކަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމުގެ ހެއްކެއް ކަމަށް ޖުޑީޝަން ކޮމިޝަންގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ޖޭއެސްސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް މިއަދު އާންމުކޮށްފައި ވާއިރު މިދިޔަ އަހަރު ޖޭއެސްސީއަށް ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލައި ދިނުމަށް އެދި 392 ޝަކުވާ ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން ޖޭއެސްސީން ބަލަން ނިންމީ ފަނަރަ މައްސަލައެވެ. 2021 ވަނަ އަހަރު ނިމުނު އިރު އެ ކޮމިޝަނުން ބަލަންޖެހޭ 55 މައްސަލަ އޮތް އިރު މިދިޔަ އަހަރު ކޮމިޝަނުން ވަނީ މިދިޔަ އަހަރު ބަލަން ނިންމި ފަނަރަ މައްސަލަ އާ އެކު ޖުމްލަ 46 މައްސަލަ ބަލާ ނިންމާފައެވެ.

ޖޭއެސްސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ކޮމިޝަންގެ ރައީސް ހިސާން ވިދާޅުވީ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ބަލަން ނުފެންނަ ކަމަށް ނިންމާ މައްސަލަތައް ވެސް، އެ މައްސަލަ އަކީ ޝަރުއީ ނިޒާމުގެ ތެރެއިން ހައްލުކުރެވެން ހުރި ކަމެއް ނަމަ އެ ކަމެއް ހައްލުކުރަން މަސައްކަތް ކޮށްފައި ވާނެކަމަށެވެ. އަދި ކޮމިޝަނުގެ މަސްއޫލިއްޔަތު ތަން ދޭ އެންމެ ފުޅާ މިންވަރަކަށް އެ ކަމެއް ހައްލުކުރަން ބާރުއަޅައި މަސައްކަތް ކޮށްފައި ވާނެކަމަށް ހިސާން ވިދާޅުވިއެވެ.

ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކާއި ތަހުގީގުކުރާ މައްސަލަތައް ބަލަހައްޓާނެ ސޮފްޓުވެއާއެއް މިދިޔަ އަހަރު ގާއިމް ކުރެވިފައި ވާނެ ކަން ފާހަގަކުރައްވައި ހިސާން ވިދާޅުވީ ބަލަން ނިންމާ މައްސަލައިގެ އިންސައްތަ ދަށްވުމަކީ ފަނޑިޔާރުންގެ ސްލޫކަށް ހެޔޮ ބަދަލުތަކެއް އައި ކަމުގެ ހެއްކެއް ކަމަށެވެ.