މާލެއާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަން ތަކެއްގައި 4 މީހުން ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންތައް ހިންގާފައި ވަނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން މިދިޔަ ހޮނިހިރު ދުވަހު 2 އޮޕަރޭޝަންއެއް ހިންގާފައި ވާއިރު، އެ ދެ އޮޕަރޭޝަނުގައި މާލޭގެ ދެ އެޕާޓްމަންޓަކާއި ފިހާރައަކާއި ގުދަނެއްގެ އިތުރުން ހުޅުމާލޭގެ އެޕާޓްމަންޓެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި 13 ރަބަރު ޕެކެޓާއި ޖޫސްޕެޓީ ސައިޒުގެ އަށް ކޮތަޅު ފެނިފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނި 36 އަހަރުގެ މީހަކާއި 44 އަހަރުގެ މީހަކާ އަދި 46 އަހަރުގެ މީހެއްގެ އިތުުރުން 54 އަހަރުގެ މީހެއް ކަމަށެވެ. އަދި މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 46 އަހަރުގެ މީހާ 7 ދުވަހަށް ބަންދު ކުރުމަށް އަދި ދެންތިބި 3 މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.