އެމްއެމްޕީއާރުސީގެ ބޯޑަށް ދެ މެންބަރަކު އިއްޔެ އައްޔަންކޮށްފިއެވެ.

'އެކްސް'ގައި ވަކިވަކިން ރޭ ކުރި ދެ ޕޯސްޓުގައިވާ ގޮތުން، އެ ކުންފުނީގެ ބޯޑަށް އައްޔަންކުރީ:

  • އައިޝަތު ހަމީދު
  • އަބްދުއްސަމީއު އިމާދު

ސަމީއު ވަނީ މީގެ ކުރިން އއ. އުކުޅަހުގެ ޓޫރިޒަމް ބޯޑާއި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސްކަން ކުރައްވައިފައެވެ. އެމްއެމްޕީއާރުސީގެ ޑިރެކްޓަރުންގެ ބޯޑަށް ދެން އައްޔަންކުރި އައިޝަތު ވަނީ، މޯލްޑިވް ގޭސްގެ ސީނިއާ މާކެޓިން އޮފިޝަލެއްގެ މަގާމު ފުރުއްވައި، އެފްއެސްއެމްގައި ވެސް މަސައްކަތްކުރައްވައިފައެވެ.

ދެ ބޭފުޅުން ވެސް އެމްއެމްޕީއާރުސީގެ ބޯޑަށް އައްޔަންކޮށްފައި ވަނީ އެ ކޯޕަރޭޝަންގެ ބޯޑަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވަނިކޮށެވެ. އެގޮތުން:

  • އެ ކޯޕަރެޝަންގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް ވަނީ މިދިޔަ މޭ މަހު އިސްތިއުފާ ދެއްވާފައި
  • އެ މަހު އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުން ފާތިމަތު ތައުފީގު ވަނީ ވަކިކޮށްފައި
  • މިދިޔަ މަހުގެ މެދުތެރޭ އެމްއެމްޕީއާރުސީގެ އާ މެނޭޖިން ޑިރެކްޓަރުކަމަށް އިބްރާހީމް ޝިއުރީ ވަނީ އައްޔަންކޮށްފައި