އީރާންގެ ރައީސް ކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި މަސްއޫދު ޕެޒެޝްކިއަން އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.
ޕެޒެޝްކިއަން ރައީސް ކަމަށް އިންތިހާބު ވެވަޑައިގަތީ، ޖޫން 28 ވަނަ ދުވަހު ކުރިއަށްދިޔަ އެގައުމުގެ ރިޔާސީ އިންތިހާބުގައި ވާދަކުރި އެއްވެސް ކެނޑިޑޭޓަކަށް މެޖޯރިޓީ ނުލިބުމާއި ގުޅިގެން އިއްޔެ ކުރިއަށް ދިޔަ އިންތިހާބުގެ ދެވަނަ ބުރުގައި އެގައުމުގެ ކުރީގެ ނިއުކްލިއާ ނެގޯޝިއޭޓަރު ސައީދު ޖަލީލީ އާއި ވާދަކުރައްވާ، 16.3 މިލިއަން ވޯޓް ހޯއްދަވައިގެންނެވެ. އެއީ ވޯޓުލީ މީހުންގެ 53 ޕަސެންޓެވެ.
ބޭރުގެ ރިޕޯޓުތައް ބުނާގޮތުން ސައީދު ޖަލީލީ އަށް ލިބިވަޑައިގަތީ 13.5 މިލިއަން ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 44.3 ޕަސެންޓެވެ.
މަސްއޫދުގެ މި ކާމިޔާބީ އާއި ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއާއި އީރާނާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ދެ ގައުމުގުގެ ސުލްހަ މަސަލަސްކަން ކުރިއެރުއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ރައީސް ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
2008 ވަނަ އަހަރުން ފެށިގެން އީރާނުގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގެ މެންބަރުކަމުގެ މަގާމް ފުރުއްވަމުންދާ ޕެޒެޝްކިއަން އަކީ ހިތުގެ ހާއްސަ ޑޮކްޓަރެއްވެސް މެއެވެ.
2013 ވަނަ އަހަރާއި 2021 ވަނަ އަހަރުވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވައި، ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހިވަޑައިގެން ޕެޒެޝްކިއަން ވަނީ މީގެ ކުރިން 2001 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާއި ހަމައަށް އީރާނުގެ މިނިސްޓަރު އޮފް ހެލްތު އެންޑް މެޑިކަލް އެޑިއުކޭޝަން ގެ މަގާމު ފުރުއްވާފައެވެ.
އެ ގައުމަށް އާ ރައީސަކު އިންތިހާބުކޮށްފައި މިވަނީ އިރާނުގެ ރައީސް އިބްރާހިމް ރައިސީ އަވަހާރާވުމާ ގުޅިގެންނެވެ. ރައިސީ އަވަހާރަވެފައި ވަނީ އީރާނާއި އަޒަރުބައިޖާން ގުޅޭ ބޯޑަރު ސަރަހައްދުގައި ހެދި ޑޭމް އެއް ހުޅުވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައީސް އިބްރާހީމް ރައިސީއާއި ހާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުއްލަހިޔާން އާއި ތަބްރީޒީ މިސްކިތުގެ އިމާމު އާޔަތުއްލޯ އަލްހާޝެމީ އާއި އަޒަރުބައިޖާންގެ އިރުމަތީ ޕްރޮވިންސުގެ ގަވަރުނަރު މާލިކް ރަހްމަތީ ދަތުރުކުރެއްވި ހެލިކޮޕްޓަރު މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު ވެއްޓުމާ ގުޅިގެންނެވެ.
އެ ހެލިކޮޕްޓަރު ވެއްޓިފައިވަނީ މޫސުން ގޯސްވެ ބޯ ދުންފިންޏާ ހުރެ ދުރު ފެންނަ މިނަވްރު ނުސާފުވުމުން އިތުރަށް ދަތުރު ނުކުރެވިގެން އީރާނުގެ ހުޅަނގު އުތުރު ބިތުގައި އޮންނަ އުޒީ ވިލެޖާ ހިސާބުން ވަރްޒަގާން އަށް ޖައްސަން އުޅުމުގެ ތެރޭގައި ކަމަށް އެ ގައުމުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފަވެއެވެ.
އެ ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދަށް ދިޔައިރު އެއްވެސް މީހެއްގެ ހިލަމެއް ނެތްއިރު މެހެރް ނިއުސް އެޖެންސީގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ހެލިކޮޕްޓަރުން ދަތުރުކުރެއްވި ހުރިހާ ބޭފުޅުން ވަނީ އަވަހާރަވެފައެވެ.