މޯލްޑިވިއަން އެއާލައިން އިން ބަންގްލަދޭޝްގެ ޑާކާއަށް މިއަދު ކުރަން އޮތް ދަތުރު ކެންސަލް ކޮށްފިއެވެ.

މޯލްޑިވިއަން އިން ބުނީ ދަތުރު ކެންސަލްކުރީ، އެއާބަސް ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ އެއާލައިން އިން ބުނީ ކެންސަލްވި ދަތުރުގެ މީހުން އެހެން އެއާލައިންތައް މެދުވެރިކޮށް ދަތުރުތައް ހަމަޖައްސައި ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހުވެސް ވަނީ ޓްރިވެންޑްރަމަށް ކުރަން އޮތް ދަތުރު ވެސް ކެންސަލްކޮށްފައެވެ.

މޯލްޑިވިއަން އިން މިވަގުތު އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމަށް ބާއްވަނީ އޭޓީއާރް ބޯޓުތަކެވެ. އައިއޭއެސް އިން އެންމެ ފުރަތަމަ އޭޓީއާރް ބޯޓެއް ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ ގައެވެ.

އެފަހަރު 72 މީހުންގެ ޖާގައިގެ ދެ ބޯޓު ގެނެސްފައިވެ އެވެ. އެ ކުންފުނިން އޭޓީއާރް މަރުކާގެ ތިންވަނަ ބޯޓު ރާއްޖެ ގެނައީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އެއީވެސް 42 މީހުންގެ ޖާގައިގެ ބޯޓެކެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިހާރު އޮތީ 25 މަތިންދާބޯޓެވެ. މީގެ ތެރޭގައި އޭޓީއާރުގެ ހަތަރު މަތިންދާބޯޓުގެ އިތުރުން އެއާބަސް އޭ320 މަތިންދާބޯޓަކާއި، ޑޭޝް-8 ސީރީޒްގެ ނުވަ އެއާކްރާފްޓާއި، 11 ޓްވިން އޮޓަ ސީޕްލޭން ހިމެނެއެވެ.