ޔޫރޯ ފުޓުބޯޅަ އާ ގުޅުވާ އެމްޓީސީސީގެ ނަމުގައި ބޮޑު ސްކޭމެއް ހިންގާތީ އެކަމާ މެދު ސަމާލުވުމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ އެ ކުންފުނިން ޔޫރޯ ފުޓުބޯޅަ މުބާރަތާ ގުޅިގެން މީސްމީޑިއާގައި ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ބައިވެރިވެފައިވާ ފަރާތްތަކަށް އޮޅުވާލައިގެން "ފިޝިން ސްކޭމް" އެއް ކުރިއަށް ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން މި ޕްރޮމޯގައި ބައިވެރިވެފައިވާ ފަރާތްތަކަށް ވަކި ވަގުތެއްގެ ކުރިން ރަޖިސްޓާވާންވީ ކަމަށް ބުނެ އެއްވެސް މެސެޖެއް ނުވަތަ ލިންކެއް ފޮނުވައިފިނަމަ އެކަމާމެދު ސަމާލުވުމަށް އެމްޓީސީސީ އިން ވަނީ އެދިފައެވެ. މީގެއިތުރުން މިފަދަ ސްކޭމެއްގައި ޖެހި، ޕާސްވޯޑު ދެވިފައިވާ ނަމަ އަވަހަށް ޕާސްވޯޑު ބަދަލުކުރުމަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ.

އެމްޓީސީސީ އިން ވަނީ އިތުރު ރައްކާތެރިކަމަށް އޯޓީޕީ އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށާއި، ޓޫ ފެކްޓާ އޮތެންޓިކޭޝަން އެކްޓިވޭޓު ކޮށްފައި ބެހެއްޓުމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.

ދާދި ފަހަކުން ވަނީ އެޗްޑީސީގެ ޑާޓާބޭސް ހެކްކޮށް ސްކޭމް މެސެޖުތަކެއް ފޮނުވާފައެވެ. އެކަމާ އެޗްޑީސީ އިން ބުނީ ކުރިއަށް އޮތް ތަނުގައިވެސް އެގޮތަށް ދައުރުވާ މެސެޖުތަކާމެދު ކަސްޓަމަރުން ސަމާލު ވާނެ ޖެހޭ ކަމަށާއި، އެޗްޑީސީ އިން އެއްވެސް ފަރާތަކަށް އެ ފަދަ މެސެޖު ނުކުރާނެ ކަމަށެވެ.

ފުލުހުންނާއި ކަމާ ބެހޭ މުއައްސަސާތަކުން ދަނީ ފޯނަށް އަންނަ އޯޓީޕީ ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް އަބަދުމެ އިލްތިމާސްކުރަމުންނެވެ.