މެއި މަހާ އަޅާބަލާއިރު ޖޫން މަހު ރިޕޯޓުކޮށްފައިވާ ވައްކަމުގެ މައްސަލަތައް މަދުކަމަށް ފުލުހުން ބުނެފިއެވެ.
މިކަން ހާމަކުރަމުން ފުލުހުންގެ ތަރުޖަމާނު، އެސިސްޓަންޓް ކޮމިޝަނަރު އަހްމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވައްކަމާއި ފޭރުމުގެ މައްސަލަތައް މިދިޔަ މެއި މަހާ އަޅާބަލާއިރު ޖޫން މަހު މަދުވެފައިވާ ކަމަށާއި، ނަމަވެސް އެކި ކުށްތަކަށް އަރައި ގަންނަ ނިސްބަތަށް މާބޮޑު ބަދަލެއް ނާންނަކަމަށެވެ.
އެގޮތުން މެއި މަހުގެ ނަންބަރުތަކަށް ބަލާއިރު ވައްކަމުގެ 335 މައްސަލައެއް ހުށަހަޅާފައިވާއިރު ޖޫން މަހު ހުށަހަޅާފައިވަނީ 315 މައްސަލައެވެ. މިދިޔަ މަހުގެ ތެރޭގައި ޖުމްލަ 1023 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު ވައްކަމުގެ މައްސަލަތަކުގެ އިތުރުން ދެން އެންމެ ގިނައީ އެކްސިޑެންޓުގެ މައްސަލައެވެ. އެގޮތުން އެފަދަ 212 މައްސަލައެއް ހުށަހަޅާފައިވެއެވެ. ތިން ވަނަ އަށް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެފަދަ 175 މައްސަލައެއް ހުށަހަޅާފައިވެއެވެ.
ޖޫން މަހު ހުށަހަޅާފައިވާ މައްސަލަތައް:
- ވައްކަން: 315
- ޓްރެފިކް އެކްސިޑެންޓު: 212
- މުދަލަށް ގެއްލުން ދިނުން: 64
- މަކަރާއި ހީލަތް: 50
- ޖިންސީ ގޯނާ: 23
- އަނިޔާ ކުރުން: 47
- ގެވެށި އަނިޔާ: 25
- ފޭރުން: 29
- ފޯޖް ކުރުމުން: 8
- މަސްތުވާތަކެތި: 175
- އެއްޗެހި ގެއްލުން: 77
ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާއިރު، ފުލުހުން ދަނީ ގެއިން ބޭރަށްދާނަމަ ގޭގެ ދޮރުތައް ރަނގަޅަށް ތަޅުލުމާއި ބޭރަށް ކުޑަދޮރެއް ނުވަތަ ފަސޭހައިން ވަދެވޭނެ ޖާގައެއް ހުރި ނަމަ ސަލާމަތީ ފިޔަވަޅު އެޅުމަށް އިރުޝާދު ދެމުންނެވެ. އަދި ގޭގައި ގެންގުޅޭ އަގުބޮޑެތި ސާމާނުތައް ވަގުންނަށް ނުނެގޭނެ ފަދަ ގޮތަކަށް ރައްކާ ކުރުމަށްވެސް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.