މައި ކަރަންޓު ކުންފުނި ސްޓެލްކޯ އަށް ބޮޑެތި ކުރިއެރުންތައް ހޯދައިދޭން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށާއި، އެ ބަދަލުތައް ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަން ތައްޔާރުކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 30 އިން ފެށިގެން ފަސް ދުވަހުގެ މުއްދަތަކަށް ސްޓެލްކޯގެ ސްޓޭޝަން މެނޭޖަރުންނަށް ބޭއްވި މަހާސިންތާ ނިންމާލުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ، އާންމުންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށްޓަކައި ކުންފުނީގެ ހިންގުމުގެ ހަރަދުތައް ކުޑަކުރުމުގެ އިތުރުން، ހުރިހާ މުވައްޒަފުންގެ ފިކުރުތައް އެއްގޮތްކޮށް، ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
ސްޓެލްކޯ އަކީ ހުރިހާ ރޮނގަކުން ވެސް ރާއްޖޭގެ އެއްވަނަ ކުންފުނީގެ މަގާމަށް ވާސިލްވުމުގެ ގާބިލްކަން އޮތް ކުންފުންޏެއް ކަމަށް ވިދާޅުވެ، ސްޓޭޝަން މެނޭޖަރުންގެ ކިބައިން ދެ ކަމަކަށް ފަހުމީ އިލްތިމާސްކުރެއްވިއެވެ. އެއީ:
- މެނޭޖަރުންގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ އަގުވަޒަންކޮށް މުވައްޒަފުންނާ ގުޅުން ބަދަހިކުރުމަށް
- މެނޭޖަރުންނަށް ބޭއްވުނު މަހާސިންތާއިން ދަސްވި ތަކެތީގެ ބޭނުން ހިފުމަށް
"ކުންފުންޏަށް ބަދަލު ގެންނަންޖެހޭ ވަގުތު އަތުވެއްޖެ، އެ ބަދަލަކީ މިއައްވުރެ ބޮޑު ކުރިއެރުންތަކެއް ހޯދުން، އެ ކުރިއެރުންތައް ހޯދޭނެ، އަޅުގަނޑު މިހިރީ ހޯދައިދޭން ތިބޭފުޅުންނާ އެކު މަސައްކަތްކުރަން، އަޅުގަނޑު މަސައްކަތްކުރާނީ ތިހުރިހާ ބޭފުޅުން ގޮވައިގެން،" އޭނާ ވިދާޅުވިއެވެ.
33 ރަށަކުން ސްޓޭޝަން މެނޭޖަރުން ބައިވެރިވި މި މަހާސިންތާގައި ލީޑަޝިޕްގެ ހުނަރު ދަސްކޮށްދިނުމުގެ އިތުރުން، ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކުން ހަކަތަ ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުމާ ގުޅޭގޮތުންނާއި، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދިމާވާ ދަތިތަކަށް އަލިއަޅުވާލައި، އެ ދަތިތައް ހައްލުކޮށް ހިދުމަތް ފުރިހަމަކަމާ އެކު އަވަސްކުރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރެވުނު ކަމަށް، ސްޓެލްކޯ އިން ބުންޏެވެ.
މީގެ އިތުރުން މި މަހާސިންތާގައި ވަނީ "ސްޓެލްކޯ އިންޖީނުގެތައް ހިންގާނެ ގޮތުގެ އަތްމަތީ ފޮތް" ގެ ނަމުގައި 351 ސަފްހާގެ މައްޗަށް އެކުލެވޭ ފޮތެއް ވެސް ނެރެފައެވެ. ސްޓެލްކޯގެ ހިދުމަތުގެ ތާރީހާއި، އެ ކުންފުނީގެ ތަސައްވުރާއި އަމާޒުގެ އިތުރުން، އިންޖީނުގެތަކުގެ އޮނިގަނޑާއި، މަސައްކަތްތަކާއި، ކުންފުނީގެ އެކި ދާއިރާތަކުގެ އޮނިގަނޑާއި މައުލޫމާތުތައް ހިމެނޭ މި ފޮތް އިފްތިތާހުކޮށްދެއްވީ ފަހުމީއެވެ.