ގދ. ތިނަދޫގައި ވެމްކޯގެ ހިދުމަތް ފެށުމަށް މިއަދު އެ ރަށުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރި ކުރައްވާ އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވާހަކަ ދައްކަވަމުން ވިދާޅުވީ، ވެމްކޯގެ މަސައްކަތްތައް އެރަށުގައި ފެށުމުން ވެމްކޯ އާއި ގދ. ތިނަދޫ ކައުންސިލާއި ރަށު ރައްޔިތުންނަށް މަރުހަބާ ވިދަޅުވާ ކަމަށެވެ. ރާއްޖޭގައި ކުނި މެނޭޖް ކުރުމަށް ހުރި ދަތިތަަކަށާއި ރާއްޖޭގައި ކުނި މެނޭޖްކުރަމުން ދިޔަ ގޮތަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ދެއްކެވި ވާހަކަގައި ވިދާޅުވީ، ވަސީލަތް މަދު ކަމަށައި ރާއްޖޭގެ ރަށްރަށް އެކުލެވިފައިވާ ގޮތުން، ވަށާޖެހޭ، ހަރަދު ކުޑަ ގޮތެެއްގައި އެ މަސައްކަތް ކުރުމަށް ގޮންޖެހުންތައް އެބަ ހުރި ކަމަށެވެ.
އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފަސް އަހަރު ދުވަހަށް ބަހާލައިގެން ކުނި މެނޭޖްކުރުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއް ހިމެނޭހެން "މަގޭ ސާފު ރާއްޖެ" މަޝްރޫއު މިހާރު ވަނީ ލޯންޗް ކޮށްފައި ކަމަށް ތޯރިގް ވިދާޅުވިއެވެ. އަދި މާސްޓަރ ޕްލޭނެއްގެ ދަށުން ރާއްޖެހަތް ސަރަހައްދަކަށް ބަހާލައިގެން، ވަށާޖެހޭ ހައްލެއް ހޯދުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށް ދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ވިލުންވެރި ރާއްޖެއެއް ބިނާކުރުމުގައި ސަރުކާރުން ފަށާފައިވާ "މަގޭ ސާފު ރާއްޖެ" ޕްރޮގްރާމް އިފްތިތާހްކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ. އެ ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ.
ކުނި މެނޭޖުކުރުމުގެ ގައުމީ ޕްރޮގްރާމް 'މަގޭ ސާފު ރާއްޖެ' އަކީ ހަފްތާ-14 މަގުޗާޓުގައި ހިމެނޭ "ރަށްރަށުގެ ކުނި މެނޭޖްކުރުމަށް ގައުމީ މަޝްރޫއެއްގެ ތާވަލު އެކުލަވާލައި، އިއުލާނުކޮށް ތަންފީޒުކުރަން ފެށުން" މި ވައުދު ތަންފީޒު ކުރުމަށްޓަކައި އެކުލަވާލާފައިވާ ގައުމީ ޕްރޮގްރާމެކެވެ.
'މަގޭ ސާފު ރާއްޖެ' ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކުނި މެނޭޖްކުރުމުގެ ފުރިހަމަ ނިޒާމްތަކެއް ގާއިމުކުރުމެވެ. އަދި ރަށުން ބޭރުކުރަން ޖެހޭ ކުނި ގެންގޮސް ތިމާވެށްޓާ ރައްޓެހިގޮތެއްގައި ނައްތާލެވޭނެ ސަރަހައްދީ މަރުކަޒުތަކެއް ތަރައްގީ ކުރުމާއި، ސަރަހައްދީ މަރުކަޒުތަކާއި ރަށްތަކާ ދެމެދު ކުނި ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުން ވެސް މި ޕްރޮގްރާމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ރަށު ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ކުނި ރައްކާތެރި ގޮތެއްގައި މެނޭޖުކުރުމަށް، ތަމްރީން ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގުންވެސް މި ޕްރޮގްރާމުގެ ތެރޭގައި ހިމެނެއެވެ.