މާލޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ 2 އަންހެނަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައި ވަނީ ވިއެޓްނާމަށް ނިސްބަތްވާ 2 އަންހެނުން ކަމަށް އިމިގްރޭޝަންއިން ބުނެއެވެ.

އިމިގްރޭޝަންއިން ބުނީ މާލޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖަންސްއިން ލިބުމާއެކު ރޭ، ޓާސްކް ފޯސް އިން ހާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އަދި ވިއެޓްނާމަށް ނިސްބަތްވާ 2 އަންހެނަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

އިމިގްރޭޝަންއިން ވަނީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުން ދިޔަ 2 މީހަކު ވެސް ރޭ އިރާކޮޅުގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ. އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި މި 2 މީހުންނަކީ ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ބަންގްލަދޭޝްއަށް ނިސްބަތްވާ 2 މީހުންނެވެ.

މިދިޔަ މާޗު މަހުގެ ތެރޭގައި ވެސް ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން އުޅުނު 6 މީހަކު އަތުލައިގަނެ ޑީޕޯޓްކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އެ 6 މީހުންނަކީ ވެސް ބަގްލަދޭޝްއަށް ނިސްބަތްވާ މީހުން ކަމަށާއި އުޅެމުން އައީ ގަވާއިދާ ހިލާފަށްކަން އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.