ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ މެޑިކަލް ޑިރެކްޓަރަކަށް ޑރ. އައިމިނަތު ޒޭބާ އަހުމަދު ހަމަޖައްސައިފިއެވެ.

ޒޭބާ އެ މަގާމަށް ހަމަޖެއްސީ ތިން އަހަރުގެ މުއްދަތަކަށެވެ. އެ މަގާމުގައި އެންމެ ފަހުން ހުންނެވީ ރޭޑިއޮލޮޖިސްޓް ޑރ. އާމިނަތު ނަޒީރެވެ.

މެޑިކަލް ޑިރެކްޓަރުގެ ޒިންމާގެ ތެރޭގައި ކްލިނިކަލް އޮޕަރޭޝަންތައް ބެލެހެއްޓުމާއި ފަރުވާގެ އެންމެ މަތީ މިންގަނޑުތައް ކަށަވަރުކޮށް، ބަލި މީހުންނާއި މުވައްޒަފުންނަށް ވެސް ކުރިއެރުން ލިބޭނެ ފަދަ އެކުވެރި މާހައުލެއް ގާއިމު ކޮށްދިނުމަށް މަސައްކަތް ކުރުން ހިމެނެއެވެ.

އެގޮތުން ކްލިނިކަލް އޮޕަރޭޝަންތައް ބެލެހެއްޓުމާއި ބަލި މީހުންނާއި މުވައްޒަފުންނަށް ހޮސްޕިޓަލުގައި އުފާވެރި މާހައުލެއް ގާއިމްކޮށްދިނުމަށް ޑރ. ޒޭބާ މަސައްކަތް ކުރައްވާނެ ކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ.

ޒޭބާ މީގެ ކުރިން ވަނީ އިމަޖެންސީ ރޫމްގެ އެންމެ އިސްވެރިޔާގެ މަގާމު ވެސް ފުރުއްވާފައެވެ. މެޑިކަލް ޑިރެކްޓަރުގެ އެލެވަންސްތަކާ އެކު އަސާސީ މުސާރައަކީ 72،125 ރުފިޔާއެވެ.