އދ. ދިގުރަށުގައި ވިހާފައި ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ މަރުގެ މައްސަލާގައި ޑީއެންއޭ ރިޕޯޓް ލަސްވުމުން އެ ރިޕޯޓް ހުށަހަޅަން އެންމެ ފަހުގެ ފުރުސަތު މިއަދު ކްރިމިނަލް ކޯޓުން ދީފިއެވެ.

ވިހެއުމަށް ފަހު، ކޮތަޅަކަށް ލާފައި އެ ރަށު ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ކުއްޖާގެ މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ ސްރީލަންކާގެ ރައްޔިތެއްކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލާފައެވެ. އެގޮތުން ދައުލަތުން، އޭނާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އާއި ކުޑަކުއްޖެއްގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ކުއްޖާގެ ޑީއެންއޭ ރިޕޯޓާއި ގުޅޭ ގޮތުން ކޯޓުން ކުރި ސުވާލަށް ޖަވާބު ދެމުން ދައުލަތު ވަކީލު ވިދާޅުވީ، އެ ރިޕޯޓް އަވަހަށް ހޯދުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ. އެހެންނަމަވެސް އަދި އެ ރިޕޯޓް ލިބިނުވާކަމަށް ވަކީލުން ވަނީ ބުނެފައެވެ. މި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އެ ހާދިސާ ހިނގި ފަހުން ގާތްގަނޑަކަށް ހަ މަސް ދުވަސް ވެފައިވާކަމަށެވެ. އަދި ދައުވާ ލިބޭ މީހާ އަދިވެސް ހުރީ ބަންދުގައި ކަން ފާހަގަކުރައްވަމުން ގާޒީ ވިދާޅުވީ މައްސަލަ ކުރިއަށް ގެންދިއުމާ މެދު މަދަނީ މިންގަނޑުން ގޮތެއް ނިންމޭނީ ޑީއެންއޭ ރިޕޯޓް ލިބިގެން ކަމަށެވެ. ންވެ، އެންމެ ފަހު ފުރުސަތެއްގެ ގޮތުން މި މަސް ނިމުމުގެ ކުރިން އެ ރިޕޯޓް ހުށަހަޅަން ފުރުސަތު ކޯޓުން ވަނީ ފުރުސަތުދީފައެވެ.

މި މައްސަލައިގައި ޕީޖީ އޮފީހުން ތުހުމަތުކުރާ ގޮތުގައި ހިރަންޏާ ކުމުދުމާލި ޑި އަލްވިސް ބަލިވެއިނީއްސުރެ، ކުއްޖާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިނުވެއެވެ. އޭނާ އުޅުނީ ބަލިވެ އިންކަން ވެސް ސިއްރުކޮށްގެންނެވެ.