ހެކްކުރުމާއި ހުއްދަނެތި ކޮމްޕިއުޓަރު ސިސްޓަމްތަކަށާއި ޑޭޓާ އަށް އެކްސެސްވުން ފަދަ ސައިބާކްރައިމް، ނުވަތަ އިންޓަނެޓު މެދުވެރިކޮށް ކުރާ ކުށްތައް ގާނޫނުލްއުގޫބާތުގައި އަލުން ހިމަނަން އިސްލާހު ހުށަހަޅައިފިއެވެ.

މިދިޔަ ސަރުކާރުން ވެސް ތަކުރާރުކޮށް ނިމިދިޔަ 19 ވަނަ މަޖިލީހަށް މި އިސްލާހު ހުށަހެޅި ނަމަވެސް، އެ މަޖިލީހުން އޭރު ގޮތެއް ނުނިންމައެވެ. އެހެންވެ، މި އިސްލާހު މި ހިނގަމުންދާ 20 ވަނަ މަޖިލީހަށް މިއަދު ހުށަހެޅުއްވީ މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާއެވެ.

މި އިސްލާހުގައި ގާނޫނުލްއުގޫބާތަށް ބާބެއް އިތުރުކޮށް، އިންޓަނެޓު މެދުވެރިކޮށް ކުރާ ކުށްތައް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް ކޯޓު އަމުރެއްގެ ދަށުން، ނުވަތަ ގާނޫނަކުން ހުއްދަލިބިގެން ދޫކޮށްފައިވާ ހުއްދައިގައި ބަޔާންކުރާ ގޮތެއްގެ މަތިން، ކޮމްޕިއުޓަރަށް، ނުވަތަ ޑޭޓާ އަށް އެކްސެސްވުމަކީ ކުށެއް ނޫން ކަމަށް، މި އިސްލާހުގައިވެއެވެ.

ގާނޫނުލްއުގޫބާތަށް ގެނައި މި އިސްލާހުގައި ބަޔާންކޮށްފައިވާ ކުށްތަކަކީ:

  • ހުއްދަނެތި ކޮމްޕިއުޓަރުތަކަށް އެކްސެސްވުން
  • އިތުރު ކުށެއް ކުރުމަށް މަގުފަހިކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓަރުތަކަށް އެކްސެސްވުން
  • ހުއްދަނެތި ކޮމްޕިއުޓަރު ޑޭޓާ އިންޓަސެޕްޓުކުރުން
  • ހުއްދަނެތި ކޮމްޕިއުޓަރު ޑޭޓާއަށް އިންޓަފިއާކުރުން
  • ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުން
  • ސައިބާ ވަޔަލެންސްގެ އަމަލުތައް
  • ކޮމްޕިއުޓަރާ ގުޅުންހުރި ފޯޖަރީގެ އަމަލުތައް
  • ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ އަމަލުތައް
  • ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް

މިފަދަ ކުށެއް ކުރިކަން ސާބިތުވެއްޖެ ނަމަ، އަހަރަކަށް ވުރެ ގިނަ ދުވަހަށް ޖަލަށްލުމަށް ކަނޑައެޅުމަށް ވެސް، ހުށަހެޅި އިސްލާހުގައިވެއެވެ.