ދައުލަތުގެ މަސް ކުންފުނި، މިފްކޯއަށް ސަބްސިޑީ ދޭ އުސޫލުން އެހެން ކުންފުނިތަކަށް ވެސް ސަބްސިޑީ ދޭން ޖެހޭނެ ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ގާސިމް މިފަދައިން ވިދާޅުވީ ހުޅުމާލޭގެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ އަހުމަދު ޝަމްހީދު މާލިއްޔަތު ކޮމިޓީ އަށް ހުށަހެޅުއްވި މަސްވެރިންނަށް ޑޮލަރުން ފައިސާ ދިނުމާ ގުޅޭ މައްސަލައިގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ގާސިމް ވިދާޅުވީ މިފްކޯ އިން ކުލި ނުނަގާ ނަމަ ޕްރައިވެޓް ސެކްޓަރުން ވެސް ދައުލަތަށް ކުލި ދައްކަން ނުޖެހޭނެ ކަމަށާއި، މިފްކޯ އަށް ދޭ ލުއިތައް އެހެން ކުންފުނިތަކަށް ވެސް ދައުލަތުން ދޭން ޖެހޭނެ ކަމަށެވެ.

މީގެއިތުރުން އަމިއްލަ ކުންފުނިތަށް ހަރުދަނާ ކުރުމަށް ވޭތުވެދިޔަ ތިން ސަރުކާރުންވެސް އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި، މަސްވެރިކަން ކުރާ ފަރާތްތަކަށް އިންސެންޓިވް ދެވޭނެ ގޮތަކަށް ފޮރިން އެކްސްޗޭންޖް ރެވެނިއު އިތުރު ކޮށް އިންޑަސްޓްރީ ކުރިއަރުވަން މަސައްކަތެއް ކުރެވިފައި ނުވާ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ގާސިމް ވިދާޅުވީ އޭނާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ލޯނު ހޯދުމަށް އެދުނު ކަމަށާއި ނަމަވެސް ލޯނާއި އެހީ ވެސް ދިނީ ވަކި ބަޔަކަށް ކަމަށެވެ.

އަޅުގަނޑު ސަރުކާރުގައި އާދޭސްކޮށްފައި ދެންނެވިން ހޯޑެއްދޫގެ އިންވެސްޓްމެންޓް ނިމެންދެން 100 މިލިއަން ރުފިޔާ މަށަށް ދަރަންޏަށް ދޭށޭ. ފަސް އަހަރު ތެރޭގައި ދައްކަން. ބުނީމަ ޖަވާބު ވެސް ނުދިން،
ގާސިމް އިބްރާހިމް

މި މައްސަލަ ހުށަހެޅުއްވި އަހުމަދު ޝަމްހީދުވެސް ވަނީ މިފްކޯ އަށް ލިބޭ ގެއްލުމުގެ ޒިންމާ މަސްވެރިން ނަގަން ނުޖެހޭނެ ކަމަށާއި ސަރުކާރުން ދޭ ސަބްސިޑީ ޕްރައިވެޓް ސެކްޓަރަށް މަސް ވިއްކާ މަސްވެރިންނަށް ވެސް ދޭން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

މިއަދު މި މައްސަލައިގައި ކޮމިޓީ މެމްބަރުންގެ ދެމެދު ވަނީ މައްސަލަ ބޮޑުވެފައެވެ.