މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދިނުމަށް ނިންމި މައްސަލަ އިތުރަށް ބެލުމަށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް އަނބުރާ ފޮނުވާލައިފިއެވެ.

މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެ ކޮމިޓީގެ މުގައްރިރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ފޮނުއްވި ސިޓީގައި ވިދާޅުވީ، އެމްއެމްއޭގެ މަގްސަދުތައް ކަމަށްވާ، ދެމެހެއްޓެނިވި އިގްތިސޯދީ ކުރިއެރުމަށް މަގުފަހިވާ ގޮތެއްގައި އަގުތައް ހިފެހެއްޓުމާއި، ގައުމުގެ މާލީ ހާލަތު އެއްވަރެއްގައި ހިފެހެއްޓުމާއި އިގްތިސޯދަށް ކުރިއެރުން ގެނައުމަށް ސަރުކާރަށް އެހީތެރިވުން ފަދަ މަގްސަދުތައް ހާސިލްވަމުން ނުދާ ކަމަށެވެ.

ގާސިމް ފާހަގަކުރެއްވި ގޮތުގައި، މަނިޓަރީ ޕޮލިސީ ކަމަށްވާ، ގައުމުގެ އިގްތިސޯދުގެ ތެރޭގައި ދައުރުވާ ފައިސާ ކަނޑައެޅުމާއި ބޭންކިން އުސޫލުތަކުގެ ތެރެއިން އިންޓްރެސްޓް ރޭޓް ކަނޑައެޅުން ފަދަ ސީދާ ގޮތެއްގައި އިގްތިސޯދުގައި ފައިސާ ހުންނާނެ ރޭޓުތައް ކަނޑައެޅުމަކީ މަރުކަޒީ ބޭންކަށް މަތިކުރެވިފައިވާ ޒިންމާއެކެވެ.

ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އިގްތިސޯދީ އިސްލާހީ އެޖެންޑާ އެއް އެކުލަވާލައި އެކަމަށް ބޭނުންވާނެ ގާނޫނުތައް ތައާރަފްކުރުމަށް ސަރުކާރުން ތައްޔާރުވެފައިވާ ކަމަށް އެ ސިޓީގައި ވެއެވެ.

މީގެ އިތުރުން އެ ސިޓީގައި ވަނީ މާލިއްޔަތު ކޮމިޓީ އަށް ފާހަގަކުރެވުނު ބައެއް ކަންކަން ވެސް ހިމަނައިފައެވެ. އެ ކަންކަމަކީ:

  1. އެމްއެމްއޭއިން މަނިޓަރީ ޕޮލިސީ އެންމެ އެކަށޭނަ ގޮތުގައި ހިންގަމުން ދާ ތަން ނުފެންނަ ކަން
  2. ރާއްޖޭގެ ބޭންކުތަކާއި ފައިނޭންޝަލް އިދާރާތަކުން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާކޮށް ހިފަހައްޓައި ބޭންކްތަކުގެ ރިޒާވް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ބާރު އެޅުއްވުމުގެ ސަބަބުން ގައުމުގެ އިގްތިސޯދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގްތިސޯދީ މަސައްކަތްތައް ހުއްޓި، ގައުމުގެ އިގްތިސޯދުގެ ދުވެލި މަޑުޖެހިފައިވާ ކަން
  3. ސަރުކާރުން ފައިސާ ހޯދަނީ ޑޮމެސްޓިކް މާކެޓުން ކަމުން، ޑޮމެސްޓިކް މާކެޓް ރަނގަޅަށް ރެގިއުލޭޓްކުރުމުގެ މުހިންމުކަން ބޮޑުވެފައިވާ ވަގުތެއްގައި އެކަން އެމްއެމްއޭ އިން ކުރަމުން ނުދާ ކަން
  4. ހޯމްލޭންޑް މިނިސްޓްރީ އާއި ފުލުހުންގެ ފަރާތުން 241 ކޮމިޓީ އާ ހިއްސާކުރި މައުލޫމާތުތަކުގައި ކުށްކުރުން ހުއްޓުވުމަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި އެމްއެމްއޭގެ ގަވައިދުތައް އަދާހަމަވެފައި ނުވާކަން ފާހަގަކޮށްފައިވާކަން
  5. އެމްއެމްއޭގެ ގާނޫނުގައި ބަޔާންކޮށްފައިވާ މައިގަނޑު މަގްސަދުތައް ހާސިލްކުރުމަށްޓަކައި މި ސަރުކާރު އައި ފަހުން ގަވަރުނަރު ސަރުކާރަށް ލަފާ ނުދެއްވާކަން، އަދި މަސްއޫލިއްޔަތު ބަރާބަރަށް އަދާނުކުރައްވާ ކަން

އެހެންކަމުން އެމްއެމްއޭގެ ގަވަރުނަރުކަމުން ހާޝިމް ވަކިކުރުމަށް ރައީސަށް ލަފާދޭން ފެންނަ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އިއްޔެގެ ބައްދަލުވުމުގައި ހުށަހެޅުއްވުމުން ކޮމިޓީން ވަނީ އެ ހުށަހެޅުން ބަލައިގަތުމަށް ފެންނަކަމަށް ނިންމާފައި ކަމަށް، ގާސިމްގެ ސިޓީގައިވެއެވެ.

މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ސިޓީ އިއްވަވާ ނިމުމުން، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީ އަށް އަނބުރާ ފޮނުވުމަށް އަބްދުއްރަހީމް ވަނީ ނިންމަވައިފައެވެ.