27 ޖޫންގެ ނިޔަލަށް މިފްކޯއިން މަސްވެރިންނަށް ނުދެވި ހުރި 53 މިލިއަން ރުފިޔާ މިހާރު ޖަމާވާން ފަށާފައިވާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.
ފާއިތުވި 2-3 މަސްދުވަހު މަސްވެރިން ކިރުވި މަހަށް ފައިސާ ނުލިބޭކަމަށް ބުނެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިން ދަނީ އިހުތިޖާޖު ކުރަމުންނެވެެ.
މަސްވެރިންގެ އިހުތިޖާޖުގައި އޭއެފްސީގެ ހިންގުން ހުއްޓުމަކަށް ގެނެސް އެ ސައިޓުން ކަރަންޓު ކަނޑާލައި، މުވައްޒަފުންވެސް ވަނީ ބޭރުކޮށްފައެވެ. ނަމަވެސް ފުލުހުންގެ އެެހީތެރިކަމާއެކު، މިހާރު ސައިޓަށް ކަރަންޓު އަލުން ދިން ނަމަވެސް ސައިޓުގެ އޮޕަރޭޝަން އަދިވެސް އޮތީ ހުއްޓުވާފައެވެ. ބިދޭސީން ހިމެނޭ ގޮތަށް 100އަށް ވުރެ ގިނަ މީހުން އޭފްސީގައި ދަނީ ވަޒީފާ އަދާ ކުރަމުންނެވެ.
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ މީގެ ފަހުން ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސް ކިރާތާ ދެ ހަފުތާގެ ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ، މިފްކޯގެ މާލީ ހާލަތު އޮތް ގޮތުންނާއި އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތަކެއްގެ ގޮތުގައި، ބޭރުގެ ބާޒާރުގައި މަސް ގަންނަން ހުރި އަގަށް ރިއާޔަތްކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ ކުރިން މިފްކޯ އިން މަސް ވިއްކި ބައެއް އަގުތަކަށް ވެސް އޭނާ އަލިއަޅުވާލެއްވިއެވެ. އެގޮތުން މާޗް 2022 ގައި 17ރ އަށް މަސް ގަންނަ އަގު ބޮޑުކޮށް، މިދިޔަ ރިޔާސީ އިންތިހާބުގެ ދެ ބުރު ދޭތެރޭ މަހުގެ އަގު 25ރ އަށް ބޮޑުކުރިކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވި ގޮތުގައި، 25ރ އަށް މަސް ގަންނަ އަގު ހިފަހައްޓާލައިގެން އަހަރެއް ނިންމަންޏާ ގާތްގަނޑަކަށް ސަބްސިޑީގެ ގޮތުގައި ސަރުކާރުން މިފްކޯ އަށް 1.2 ބިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭނެއެވެ.
ޝިޔާމް ވިދާޅުވީ، ސަރުކާރުން މާ އަގުބޮޑުކޮށް މަސް ގަންނަމުން ދިއުމާ ގުޅިގެން، މަސްވެރިކަން ކުރާ ބައެއް ވިޔަފާރިތަކަށް އޭގެ އަސަރުކޮށް، ބައެއް ވިޔަފާރި ނެތިގެން ހިނގައްޖެ ކަމަށެވެ. އޭނާ ވިދާޅުވީ ޕްރައިވެޓް ކުންފުނިތަކުގެ ހިންގުމުގެ ހަރަދުތައް ހުރިގޮތުންނާއި ބޭރުގެ މާކެޓަށް ވުރެ ބޮޑު އަގެއްގައި މިފްކޯއިން މަސް ގަންނަމުން ދާތީ، ކުންފުނިތަކަށް ދެކޮޅު ޖައްސަން ދަތިވުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުގެ ހައްގުގައި އެ ކުންފުނިތަކުގެ އުފެއްދުންތެރިކަން ދެބައިކޮށްލަން މަޖުބޫރުވެފައިވާ ކަމަށާއި، މިހެންވެ ބައެއް ކުންފުނިތަކުގެ ހިންގުން ހުއްޓިފައިވާ ކަމަށެވެ.