ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ އެންވަޔަރަމަންޓު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އާއި އޭނާގެ ކޮއްކޮގެ މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެ މަނިކުފާނުގެ އާއިލާއިން ހުށަހަޅައިގެން ތަޙުޤީގު ކުރަމުންދާ މައްސަލައެއް ކަމަށް އާންމު މީޑިއާ އާއި ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތައް ދޮގު ކޮށްފިއެވެ.
މިކަން ހާމަކުރަމުން ފުލުހުންގެ ތަރުޖަމާނު، އެސިސްޓަންޓް ކޮމިޝަނަރު އަހްމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައަކީ ރައީސްގެ އާއިލާއިން ހުށަހަޅައިގެން ތަހުގީގު ކުރަމުންދާ މައްސަލައެއްކަމަށް ދެކެވެމުންދާ ވާހަކަ ތަކަކީ އެއްވެސް އަސާސެއްނެތް، ދޮގު ވާހަކަ ތަކެއް ކަމަށެވެ.
ޝިފާންގެ އިތުރުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުވެސް ވަނީ ރައީސްގެ އާއިލާއިން މިފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ނުވާ ކަމަށް ވިދާޅުވެފައެވެ. ހީނާ ވިދާޅުވީ މިކަމާ ގުޅުވާ ރައީސް އާއި އެމަނިކުފާނުގެ އާއިލާއަށް ނިސްބަތްކޮށް މީޑިއާގައި ފަތުރަމުން ދަނީ ހަގީގަތާ ހިލާފު ދޮގު ހަބަރުތަކެއް ކަމަށެވެ.
ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒުގެ އިތުރުން 2 މީހަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ޝަމްނާޒް އާއި އޭނާގެ ކޮއްކޮ ވަނީ 7 ދުވަހަށް ބަންދު ކޮށްފައެވެ. އަދި ބަންދު ދުވަހުގެ މުއްދަތު ހަމަވެފައިވާއިރު އަނެއްކާވެސް މި ވަނީ މި ދެ މީހުންގެ ބަންދަށް 7 ދުވަސް ޖަހާފައެވެ.
ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. މީގެ ކުރިން މާލޭ ސިޓީ ކައުންސިލްގެ މެންބަރު ކަންވެސް ކުރައްވި ޝަމްނާޒު ހިނގަމުން މިދާ ސަރުކާރުގައި ފުރަތަމަ ބަހައްޓާފައި ހުރީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އަރިހުގައި މުލީއާގޭގައެވެ.
މި މައްސަލައާއި އެކު އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ޝަމްނާޒް ވަނީ ވަކިކޮށްފައެވެ. އަދި މައްސަލައިގައި ހިމެނޭ އޭނާގެ ކޮއްކޮވެސް ދަނީ އެ މިނިސްޓްރީގެ ސިޔާސީ މަގާމެއް އަދާ ކުރަމުންނެވެ.