މާފުށި ޖަލަށް ފޯނާއި މަސްތުވާތަކެތި ވަގަށް ވެއްދުމުގައި ބައިވެރިވާ މީހުން ހޯދުމަށް ހިންގާ އޮޕަރޭޝަނަށް ސިފައިން ނެރެ، އޮޕަރޭޝަން އިތުރަށް ފުޅާކޮށްފިއެވެ.

ފުލުހުންނާއި ކަރެކްޝަންސްގެ އިތުރުން ސިފައިން ވެސް އެ އޮޕަރޭޝަންގައި ބައިވެރިވެފައިވާ ކަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހާމަކުރީ މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައެވެ. އެކަމަކު ސިފައިން ބައިވެރިވި ސަބަބެއް އެ މިނިސްޓްރީން ނުބުނެއެވެ.

މިނިސްޓްރީން މީޑިއާ އާ ހިއްސާކުރި ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި، އެ އޮޕަރޭޝަން ހިނގާނުހިނގާ ގޮތް ބެއްލެވުމަށްޓަކައި މިނިސްޓަރު އަލީ އިހްސާނާއި ފުލުހުންގެ ކޮމިޝަނަރު އަލީ ޝުޖާއު އާއި ޖަލުތަކުގެ ކޮމިޝަނަރު ހަސަން ޒަރީރު ޒިޔާރަތްކުރައްވާފައިވެއެވެ. އަދި ފުލުހުންނާއި ކަރެކްޝަންސްގެ އިސް ބައެއް އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދާ މައްސަލަ ބޮޑުވެ، ފުލުހުންނާ ގުޅިގެން ހިންގަމުންދާ އޮޕަރޭޝަންގައި ކަރެކްޝަންސްގެ 13 އޮފިސަރަކު ހައްޔަރުކޮށް، ދެ އޮފިސަރަކު ބަންދުކުރީ ފަސް ދުވަހަށެވެ. ބާކީ ތިބި އޮފިސަރުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ. މިކަމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިން މައުލޫމާތުގައިވާ ގޮތުން:

  • 18 މުވައްޒަފެއްގެ އެކައުންޓްގައި 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަން ފާހަގަކުރެވުނު
  • އެ ފައިސާ ޖަމާވިކަމަށް ފެންނަން ހުރީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން
  • އެ ފައިސާ ޖަމާކުރީ ކުރީގެ ބައެއް ގައިދީންނާއި މިހާރުގެ ބައެއް ގައިދީންނާއި ކުށުގެ ވެށީގައި ހަރަކާތްތެރިވާ ބައެއް މީހުންގެ އެކައުންޓްތަކުން

މި މައްސަލައިގައި އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް، މިނިސްޓަރު ވިދާޅުވެފައިވެއެވެ.