މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ސަރުކާރަށް އެއްބާރުލުން ނުދެއްވާ ކަމަށް ތުހުމަތު ކުރައްވައި، ބައެއް ކައުންސިލްތަކުން މާލީ ހާލަތު ގޯސްވެފައި އޮއްވާ ބޭކާރު ދަތުރުތައް ކުރާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަހްމަދު ނާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ، ސަރުކާރުން ފިސްކަލް ހަރަދަށް ޒިންމާވާ ބިލެއް ހުށަހެޅީ އިގްތިސޯދީ ހާލަތު ރަނގަޅުކޮށް، ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރުމަށް ކަމަށެވެ.
ބިލަށް ކުރެއްވި ބަހުސްގައި ޕެންޝަން އޮފީހުގެ ބައެއް ތަފާސްހިސާބުތަކަށް އޭނާ އަލިއަޅުވާލެއްވިއެވެ. އެގޮތުން:
- މަސައްކަތްތެރިންގެ ތެރެއިން 124،749 މީހުން ޕެންޝަން ފަންޑަށް ޖަމާކުރޭ
- އޭގެ ތެރެއިން 50 ޕަސެންޓު މީހުންގެ މުސާރަ 5،000ރ އަށް ވުރެ ދަށް
- 41% މީހުންގެ މުސާރަ 10،000ރ އަށް ވުރެ ދަށް
އޮޑިޓާ ޖެނެރަލް އޮފީހުގެ ބައެއް ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވައި ނާޒިމް ވިދާޅުވީ، ބައެއް ކައުންސިލްތަކުން ލޯކަލް ކައުންސިލްގެ ގާނޫނުގެ ދަށުން މާލީ ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރާ ކަމަށެވެ. މިސާލަކަށް އޭނާ ނެންގެވީ ބޭރުގެ ބައެއް ގައުމުތަކަށް ބައެއް ކައުންސިލްތަކުން ކުރި އަދި ކުރުމަށް ރާވާފައިވާ ދަތުރުތަކަށެވެ. އެގޮތުން:
- މިނިވަން ދުވަހުގެ ބަންދުގައި ހއ. އަތޮޅުގެ ކައުންސިލަރުން ތައިލޭންޑުގެ ވެރިރަށް ބެންކޮކަށް ދަތުރެއް ރާވާފައިވޭ
- ގދ. އަތޮޅުގެ ކައުންސިލަރުން މި އަހަރު ދެ ހަފްތާގެ މުއްދަތަކަށް ތުރުކީއަށާއި ދުބާއީ އަށް ކުރި ދަތުރުތަކަށް 837،077 ރުފިޔާ ހޭދަކޮށް، ކަޅު ބާޒާރުން 17.65 ރުފިޔާ އަށް ޑޮލަރު ގަނެފައިވޭ
އެހެންކަމުން ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް އިސްލާހު ގެނެސްގެން ކައުންސިލްތަކުގެ ވިސްނުން ރަނގަޅު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ފަހު ކަމަކަށް އޭނާ ވިދާޅުވީ، ސަރުކާރަށް މަނިޓަރީ ޕޮލިސީ ކޮންޓްރޯލް ނުކުރެވޭ ކަމަށާއި އެކަން ހަވާލުކޮށްފައިވަނީ އެމްއެެމްއޭގެ ގަވަރުނަރަށް ކަމަށެވެ. އެކަމަކު އެމްއެމްއޭގެ ގަވަރުނަރު މަސްއޫލިއްޔަތުތައް އަދާނުކުރައްވާ ކަމަށް ތުހުމަތުކުރައްވައި ނާޒިމް ވިދާޅުވީ މި ސަރުކާރު ހަވާލުވިފަހުން، ގަވަރުނަރުގެ ފަރާތުން އެއްވެސް ލަފައެއް ސަރުކާރަކަށް ވެސް މަޖިލީހަކަށް ވެސް ނުލިބޭ ކަމަށެވެ.