ސަރުކާރު މަސް ކުންފުނި މިފްކޯ އިން މާދަމާ އިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު މަސް ގަންނަ އަގު އިއުލާން ކޮށްފިއެވެ.
މިފްކޯއިން ވަނީ މަސް ގަތުމަށް ދެ ކެޓަގަރީއަކަށް ބަހާލާފައެެވެ. އެ ގޮތުން 1.5 ކިލޯއަށް ވުރެ މަތި، އަދި 1.5 ކިލޯއަށް ވުރެ ދަށް މި ދެ ކެޓަގަރީން ވެސް އައިސް ކުރި މަހާއި އައިސް ނާޅާ މަސް ގަންނަ އަގު އެ ކުންފުނިން ވަނީ އާންމުކޮށްފައެވެ.
މިފްކޯއިން ބުނީ، 1.5 ކިލޯއަށް ވުރެ މަތި ކެޓަގަރީން އައިސް ކުރި ކަނޑުމަހާއި ކަންނެލި ގަންނާނީ 16 ރުފިޔާގެ ރޭޓުން ކަމަށެވެ. އަދި އެ ކެޓަގަރީން އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ގަންނާނީ 14 ރުފިޔާއަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
ހަމައެއާއެކު 1.5 ކިލޯއަށް ވުރެ ދަށް ކެޓަގަރީން އައިސްކުރި ކަނޑުމަހާއި ކަންނެލި ގަންނާނީ 7 ރުފިޔާއަށް ކަމަށާއި އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ގަންނާނީ 5 ރުފިޔާއަށް ކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯއިން މި އަގުއިއުލާން ކޮށްފައި މިވަނީ، މަސްވެރިންނަށް ގަވާއިދުން ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަަމަށް މީގެ ކުރިން އެ ކުންފުނިން ބުނެފައި ވެއެވެ. އެ ގޮތުން މިއަގިތައް ކަނޑައަޅައި ކޮންމެ ހަފްތާއަކު އިއުލާން ކުރާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. މިއަގުތައް ހަދަނީ ބައިނަލްއަގްވާމީ ބާޒާރުގެ އަގުތަކާއި އަދި މަސް އެކްސްޕޯޓް ކުރުމަށް ދާ ހަރަދަށް ބެލުމަށް ފަހުގައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މިފްކޯއިން މަސް ގަންނަ އަގު މީގެ ކުރިން ހުރީ 25 ރުފިޔާގެ ރޭޓުގައެވެ. 25 ރުފިޔާއަށް މަސް ގަންނަ އަގު ބޮޑު ކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ގައެވެ. އޭގެ ކުރިން މަސް ގަންން އަގު އުޅުނީ 17 ރުފިޔާގެ ރޭޓުގައެވެ.
މިފްކޯއިން މަސް ގަންނަ އަގު ދަށް ވެފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރި ކެމްޕެއިންގެ ތެރޭގައި ވަނީ މަހުގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މި ސަރުކާރުން މަސްވެރިންނަށް ފައިސާ ދެމުން އަންނަ އިރު، ލަސްތަކެއް އުޅޭތީ މަސްވެރިން ޝަކުވާކޮށް އިހްތިޖާޖުތައް ކުރަމުން އަންނާތީ މަސްވެރިންނަށް ދޭ ފައިސާ އަވަހަށް ދީ ހަލާސްކުރުމަށް މިފްކޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މީގެ ކުރިން މިފްކޯއިން މަސްވެރިންނަށް ފައިސާ ދީ ހަރަދުތައް ހަމަޖައްސަމުން އައިސްފައި ވަނީ ލޯން ނަގައިގެން ކަމަށް އެ ކުންފުނިން ބުނެއެވެ.