މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ހަރަދު ކުޑަކުރި ނަމަވެސް މުވައްޒަފުންގެ އަދަދު މަދުކޮށް މުސާރަ ކުޑަ ނުކުރާނެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބްރާހިމް ޝަރީފު ވިދާޅުވީ އެ ކުންފުނި ރީސްޓްރެކްޗާކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށްދާނެ ކަމަށާއި މިހާރު އެ މަސައްކަތް ފަށާފައިވާކަމަށެވެ. ކުންފުނީގެ ރީސްޓްރެކްޗާ ކުރި ނަމަވެސް އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ވިސްނުމެއް ނެތްކަން ހާމަކުރައްވަމުން ޝަރީފް ވިދާޅުވީ މިކަމުގެ ސަބަބުން އެއްވެސް މުވައްޒަފެއްގެ އިނާޔަތަށް އަދި މުސާރައަށްވެސް ބަދަލެއް ނައަންނާނެ ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ އެމްއޭސީއެލްގެ އާ ޓާމިނަލްގެ މަސައްކަތް ނިމެން ކައިރިވެފައިވާއިރު، އެތަނަށް ވެސް އިތުރު މުވައްޒަފުން ބޭނުންވާކަމަށެވެ. އެގޮތުން ޝަރީފްވަނީ މިހާރު ތިބި މުވައްޒަފުންގެ އަދަދުން 15 ނޫނީ 20 ޕަސެންޓް، އިތުރު މުވައްޒަފުން އެ ޓާމިނަލަށް ބޭނުންވާނެކަމަށް ވިދާޅުވެފައެވެ. އަދި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާއެކު، އެ ޓާމިނަލް ހުޅުވުމަށް އަސަރު ނުކުރާނެ ކަމަށާއި އެ ޓާމިނަލްގެ ފައިނޭންސް ވެސް ހަމަޖެހިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

އިތުރަށް ޝަރީފް ވިދާޅުވީ އެމްއޭސީއެލް އަކީ ކަރުދާސް ބޭނުންކުރާ މިންވަރު ބޮޑުތަނުން މަދުކޮށް، "ޕޭޕަލެސް" ކުންފުޏަކަށް ހަދަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން މިއަދުން ފެށިގެން އެ ކުންފުންޏަށް އިތުރު ޕްރިންޓަރެއް ނުގަންނާނެ ކަމަށާއި އެއް އަހަރުގެ ތެރޭގައި މުޅި ކުންފުނި ޕޭޕާލެސް ކުންފުންޏަކަށް ހެދުމަށް އަމާޒު ހިފާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އިތުރަށް ޝަރީފް ވިދާޅުވީ ސަރުކާރުގެ ހަރަދު ކުޑަކުރެއްވުމަށް ރައީސަށް އެޅުއްވި ފިޔަވަޅުތައް ކާމިޔާބު ކުރެއްވުމަށް އެ ކުންފުންޏަށް ވެސް މުހިންމު ރޯލެއް އަދާ ކުރެވިދާނެ ކަމަށެވެ. އެގޮތުން އެ ކުންފުނީގެ ހަރަދު 10-20 އިންސައްތަ ކުޑަކުރަން ނިންމާފައިވާއިރު ކަރަންޓާ ފެނަށް ދާ ހަރަދުވެސް ކުޑަކުރަން ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެމްއޭސީއެލް އަކީ މި ސަރަހައްދުގެ ކަރަންޓް ހަރަދު އެންމެ ބޮޑު އެއް ކުންފުނިކަން ފާހަގަކުރަމުން އޭނާ ވިދާޅުވީ މިހާރު ހުރި ޖެންސެޓްތަކަކީ އެންމެ ރަނގަޅު ހާލަތުގައި ހުރި ޖެންސެޓްތައް ނޫން ކަމަށާއި އޭގެ ސަބަބުން ޑީސަލްގެ ހަރަދު ބޮޑުވާ ކަމަށެވެ. ކުރިއަށް އޮތް 15 ދުވަސްތެރޭގައި އާ ޖެންސެޓް ބޭނުންކުރަން ކުންފުނިން ފަށާނެކަން ހާމަކުރައްވަމުން ޝަރީފް ވިދާޅުވީ އޭރުން ޑީސަލަށް ކުރާ ހަރަދު 20 އިންސައްތަ ދަށްވެގެންދާނެކަމަށެވެ.

ދަތުރުފަތުރަށް ކުރާ ހަރަދު ކުޑަކުރުމުގެ ގޮތުންވެސް ގިނަ ކަންތައްތަކެއް ރާވާފައިވާކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ ކުންފުނީގެ މުވައްޒަފުންނަށް އޮންލައިންކޮށް ތަމްރީނުތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން މީހުން ތަމްރީނުކުރަން ޖެހިއްޖެނަމަ ޓްރެއިނަރުން ބޭރުން ރާއްޖެ ގެންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިތުރަށް ޝަރީފް ވިދާޅުވީ ދަތުރުފަތުރުގެ ޕޮލިސީ މުރާޖައާކޮށް އަދި ބިޒްނަސް ކްލާހުން ދަތުރުކުރުން ކޮންމެހެން މަޖުބޫރު ހާލަތެއްގައި ނޫނީ ނުކުރާނެކަމަަށެވެ.

އެމްއޭސީއެލްގެ ހަރަދުތައް ކުޑަކުރުމަށް ކުރެވިދާނެ އިތުރު ކަންތައްތަކުގެ ތަފްސީލު ދެއްވަމުން ޝަރީފް ވިދާޅުވީ ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއަކީ ބޮޑު އަދަދެއް ކަމަށާއި އަދި ބޭންކު ޗާޖުވެސް ބޮޑުކަމަށެވެ. އެހެންކަމުން ބޭންކްތަކާ ބައްދަލުކޮށް އެ އަދަދު ބަދަލު ކުރުމަށް މަޝްވަރާ ކުރައްވާނެކަމަށެވެ. އަދި ހަރަދު ކުޑަކޮށް މުއާސަލާތްވެސް ވެސް ހިންގިދާނެ ކަމަށާއި މިއީ ކޮންމެ މޭޒަކަށް ލޭންޑްލައިނެއް ހުންނަން ޖެހޭ ޒަމާން ނޫންކަމަށެވެ. އިތުރަށް ޝަރީފް ވިދާޅުވީ ކުންފުނިން ބާއްވާ އިވެންޓުތަކަށް ކުރާ ހަރަދު ކުޑަކުރަން ނިންމާފައިވާކަމަށެވެ.