ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް ދިވެހިރާއްޖެ އިން ފެނުމާ ގުޅިގެން އައިޖީއެމްއެޗްގައި ގާއިމްކުރި ފްލޫ ކްލިނިކަށް ރޯގާގެ އަލާމަތްތަކާއެކު ދައްކާ މީހުން އިތުރުވަމުން އަންނާތީ އެ ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުން ސަމާލުވެ ތިބުމަށް ބުނެފިއެވެ.

އައިޖީއެމްއެޗް އިން ބުނީ، މި ފިޔަވަޅު އަޅަން ނިންމީ އެ ހޮސްޕިޓަލަށް ދައްކާ ބަލި މީހުންނާއި، ތަނުގެ މުވައްޒަފުންނާއި މުޖުތަމައުގެ ރައްކާތެރިކަން އިތުރު ކުރުމަށް ކަމަށެވެ. އެ ގޮތުން ކޮންމެހެން ބޭނުން ޖެހިގެން ނޫނީ އެ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށާއި، ޒިޔާރަތް ކުރާ އިރު މާސްކް އެޅުމަށް އައިޖީއެމްއެޗް އިން އިލްތިމާސްކުރެއެވެ.

ހާއްސަކޮށް ރޯގާގެ އަލާމާތް ހުރެގެން ޑޮކްޓަރަށް ދައްކަން ދާ ދަނަމް ރައްކާތެރިކަމުގެ ގޮތުން މާސްކަ އަޅާއިގެން ދިއުމަށާއި ހޮސްޕިޓަލް ތެރޭގައި އެއްވެ އުޅުމުން ދުރުހެލިވުމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

މެނިންގޮކޯކޮލް ބަލި ރާއްޖެއިން ފެނިފައި ވަނީ މި އަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށްފަހު އެނބުރި އައި ފަރާތެއް އެ ބައްޔަށް ޕޮޒިޓިވް ވުމުންނެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ކަމާ ބެހޭ އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެެވެ.

މި ކޭސްއާ ގުޅިގެން އެޗްޕީއޭއިން ބުނެފައި ވަނީ، މިއަހަރު ހައްޖަށް ދިޔަ ފަރާތްތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާ ހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު ކަމަށެވެ. މެނިންޖައިޓިސް ވެކްސިން ޖެހުމުން މި ބަލިން ރައްކާތެރިކޮށްދޭ ކަމަށާއި މެނިންޖައިޓިސް ވެކްސިންއިން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މި ބަލިން ރައްކާތެރިވުމަށް މަދުވެގެން 2 ހަފްތާ ކުރިން ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. އަދި ބަލި ޖެހިފައިވާ މީހާއާ އެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.