ޏ. ފުވައްމުލަކުގައި ކުރީގެ އަނބިމީހާއަށް އަނިޔާކުރި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ފުވައްމުލަކު ގެއެއްގައި ހިނގި ގެވެށި އަނިޔާގެ މައްސަލައެއް މިއަދު ރިޕޯޓްކޮށްފައިވާ އިރު، މި މައްސަލައާ ގުޅިގެން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައި ވީ ނަމަވެސް ހައްޔަރު ކުރި މީހާގެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ.

"މާލެ މީހުން" ނަމުގައި ހަދާފައިވާ އެކައުންޓަކުން އެކްސަގައި ކުރި ޕޯސްޓެއްގައި ވަނީ ފުވައްމުލަކުގައި ހިނގި ގެވެށި އަނިޔާގެ މައްސަލައާ ގުޅޭ ބައެއް ތަފްސީލް ހިމަނާފައެވެ. އެ ޕޯސްޓުގައި ބުނެފައި ވަނީ، އެ ފިރިހެން މީހާ ވަނީ އޭނާގެ ކުރީގެ އަނބިމީހާ ދިރިއުޅޭ ގެއަށް ވަދެ އޭނާއަށް އަނިޔާ ދީ މުދަލަށް ގެއްލުން ދީފައި ކަމަށެވެ. އެ ގޮތުން އޭނާގެ ލޯ ކައިރިން މޫނު މައްޗަށް ވަނީ ސައިކަލުގެ ތަޅުދަނޑި ކޮއްޕާލާ ހަމަލާ ދީފައި ކަމަށާއި އެ ގޭގެ މުދަލަށާއި ސައިކަލަށް ވެސް ގެއްލުން ދީފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާ ލިބުނު އަންހެން މީހާގެ މޫނަށް ލިބިފައިވާ ޒަހަމް ފެންނަ ހެން ފޮޓޯއެއް އެކްސްގައި ޕޯސްޓްކޮށްފައިވާ އިރު، ލޭ އައިސް ޒަހަމްވެފައިވާ ތަން ފެނެއެވެ. އަދި މި ޕޯސްޓްގައި އެ ފަރާތުން ވަނީ ސީން އަށް ފުލުހުން ދިޔަ ކަމަށާއި އަދި ގެވެށި އަނިޔާ ކުރި މީހާ ހައްޔަރު ނުކުރާ ކަމަށް ބުނެ ފުލުހުންނަށް ފާޑު ކިޔާފައެވެ.

މި ޕޯސްޓަށް ރައްދު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވަނީ ޕޯސްޓެއް ކުރައްވާފައެވެ. ޝިފާން ވިދާޅުވީ އެ މީހާ ހައްޔަރުކޮށް މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.